މި ދުވަސްވަރު ރާއްޖޭގައި އަރިދަފުސް ރޯގާ އާއި، ބޭރަށް ހިންގުމުގެ އިތުރުން ޑެންގީ ހުން ފެތުރޭ މިންވަރު އިތުރުވަމުންދާތީ، އާންމު ސިއްހަތަށް ސަމާލުކަން ދިނުމަށް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އިން އިލްތިމާސްކޮށްފިއެވެ. އެ ހޮސްޕިޓަލުން ނެރުނު ބަޔާނެއްގައި ފާހަގަކޮށްފައިވާ ގޮތުގައި، ފަހަކަށް އައިސް ހޮސްޕިޓަލަށް ދައްކާ ބަލިމީހުންގެ ތެރޭގައި މި ބަލިތައް ޖެހިގެން އަންނަ މީހުންގެ އަދަދު ވަނީ ބޮޑުތަނުން އިތުރުވެފައެވެ.
ބަލިތަކުން ރައްކާތެރިވުމުގެ ގޮތުން، ރޯގާގެ އެއްވެސް އަލާމާތެއް ފެންނަނަމަ މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުމަށާއި، ހޮސްޕިޓަލަށް ޒިޔާރަތްކުރާއިރު މާސްކް އެޅުމަށް އައިޖީއެމްއެޗުން ވަނީ އިރުޝާދު ދީފައެވެ. އަދި އުމުރުން ދުވަސްވީ މީހުންނާއި، މާބަނޑު މީހުންނާއި، ކުޑަކުދިންގެ އިތުރުން ދާއިމީ ބަލިތަކަށް ފަރުވާ ހޯދާ މީހުން މި ދުވަސްވަރު ހާއްސަ ސަމާލުކަމެއް ދިނުމަށް ވަނީ އެދިފައެވެ. މީގެ އިތުރުން ސައިބޯނިލައިގެން އަތްދޮވުމާއި ހޭންޑް ސެނިޓައިޒާ ބޭނުންކުރުން ފަދަ ސާފުތާހިރުކަމުގެ އާދަތަކަށް އިސްކަންދިނުމަށް ވެސް ވަނީ ބާރުއަޅާފައެވެ.
މަދިރީގެ ޒަރީއާއިން ފެތުރޭ ޑެންގީ ހުމުން ރައްކާތެރިވުމަށްޓަކައި، މަދިރި އާލާވާ ފަދަ ފެންހަރުލާ ތަންތަން ނައްތާލުމަށާއި މަދިރި ހެފުމުން ސަލާމަތްވުމަށް ފިޔަވަޅު އެޅުމަށް ހޮސްޕިޓަލުން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ކޮންމެހެން ބޭނުންވެއްޖެ ހާލަތެއްގައި މެނުވީ ހޮސްޕިޓަލަށް ޒިޔާރަތް ނުކުރުމަށް އެދިފައިވާއިރު، ބަލިމީހުންނަށް ފަސޭހައިން ފަރުވާ ދިނުމަށްޓަކައި އެ ހޮސްޕިޓަލުގައި މިހާރު ވަނީ ހާއްސަ ފްލޫ ކްލިނިކެއް ވެސް ހުޅުވާފައެވެ.
އައިޖީއެމްއެޗްގެ ކޮންސަލްޓޭޝަން ރޫމް ނަންބަރު 10 އެއްގައި ހިންގާ މި ފްލޫ ކްލިނިކްގެ ހިދުމަތް ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން ރޭގަނޑު 22:00 އަށް ލިބޭނެއެވެ.



