ހުއްދަ ނުނަގައި އެކި ކަންކަމަށް ބޭނުންކުރާ ބޭސް އެތެރެކޮށްގެން ވިއްކަމުންދާ ކަމަށާއި، ހާއްސަކޮށް ބަރުދަން ލުއިކުރުމުގެ ނަމުގައި ނުރައްކާތެރި ބޭހެއް ވިއްކަމުންދާތީ އެކަމަށް ސަމާލުވުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން މިއަދު އިލްތިމާސްކޮށްފި އެވެ. އެ އޮތޯރިޓީން ނެރުނު ބަޔާނެއްގައި ބުނީ ރާއްޖެއަށް ބޭސް އެތެރެކުރެވޭނީ ކަނޑައެޅިފައިވާ އުސޫލުތަކުގެ ދަށުން ރަޖިސްޓްރީކޮށް، ހުއްދަ ދީފައިވާ ލިސްޓުގައި ހިމެނޭ ބޭސްތައް އެކަނި ކަމަށެވެ.
އެމްއެފްޑީއޭ އިން ފާހަގަކުރި ގޮތުގައި، ލޭގައި ހަކުރު ހުންނަ މިންވަރު ދަށްކުރުމަށް ބޭނުންކުރާ ‘ސެމަގްލުޓައިޑް’ ބަރުދަން ލުއިކުރާ ބޭހެއްގެ ގޮތުގައި އަދި ހަމުގެ މައްސަލަތަކަށް ބޭނުންކުރާ ‘އެޒެލެއިން އެސިޑް’ ހަންގަނޑު އަލިކުރާ ބޭހެއްގެ ގޮތުގައި އޮންލައިން ޕޭޖްތަކުގައި އިޝްތިހާރުކޮށް ވިއްކަމުންދާ ކަމަށެވެ. މިއީ އެ އޮތޯރިޓީގެ ހުއްދަ ނެތި ކުރަމުންދާ ކަމެއްކަން އެ ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.
މިފަދަ ބޭސްތަކަކީ ކޮންމެހެން ބޭނުންކުރަންޖެހޭ ހާލަތްތަކުގައި ހާއްސަ ޑޮކްޓަރެއްގެ އިރުޝާދުގެ ދަށުން ނޫނީ ބޭނުންކޮށްގެންވާނެ ބޭސްތަކެއް ނޫން ކަމަށް އެމްއެފްޑީއޭ އިން ބުންޏެވެ.
އެމްއެފްޑީއޭ އިން އިތުރަށް އިންޒާރު ދީފައިވަނީ މިފަދަ ބޭސްތައް އަމިއްލައަށް ބޭނުންކުރުމުން ހީވެސް ނުކުރާ ފަދަ ހިތާމަވެރި ހާދިސާއެއް ހިނގައިފާނެ ކަމަށެވެ. އަދި ހުއްދަ ނުނަގައި މިފަދަ ބޭސްތައް އިޝްތިހާރުކޮށް ވިއްކާ ފަރާތްތަކާ މެދު ގާނޫނީ ގޮތުން ފިޔަވަޅު އަޅާނެ ކަމަށް ވެސް އެ އޮތޯރިޓީން ބުނެފައިވެ އެވެ.



