ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި މާމިގިލި ދާއިރާ ފިޔަވައި، ރާއްޖޭގެ އެހެން ހުރިހާ ދާއިރާއަކަށް ވާދަކުރާ ސަރުކާރު ހިންގާ ޕާޓީ، ޕީއެންސީގެ ކެންޑިޑޭޓުންނަށް ތާއީދުކުރުމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން ނިންމައިފިއެވެ. މި ގޮތަށް ނިންމާފައިވަނީ އިއްޔެ ބޭއްވި އެ ޕާޓީގެ ކައުންސިލް ބައްދަލުވުމުގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުންނެވެ.
ގާސިމް އިބްރާހީމް ލީޑަރުކަން ކުރައްވާ ޖުމްހޫރީ ޕާޓީގެ ކައުންސިލް ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކޮށްފައިވަނީ އިންތިޚާބުގައި އެ ޕާޓީން އަމަލުކުރާނެ ގޮތަކާ މެދުގައެވެ. އެގޮތުން ހުރިހާ ދާއިރާއަކަށް ޕާޓީގެ ފަރާތުން ކެންޑިޑޭޓުން ނެރުމުގެ ބަދަލުގައި، އެހެން ސިޔާސީ ޕާޓީއަކަށް ތާއީދުކުރުމާ ގުޅޭގޮތުން މެންބަރުންގެ މެދުގައި ފުޅާ ދާއިރާއެއްގައި ޚިޔާލު ބަދަލުކުރެވުނެވެ.
މި މަޝްވަރާތަކަށްފަހު ކައުންސިލުން ނިންމީ ޖުމްހޫރީ ޕާޓީގެ ފަރާތުން ކެންޑިޑޭޓުން ނެރޭނީ ހަމައެކަނި މާމިގިލި ދާއިރާއަށް ކަމަށެވެ. އަދި އެ ދާއިރާ ފިޔަވައި ރާއްޖޭގެ އެހެން ހުރިހާ ރަށަކާއި ސިޓީތަކެއްގެ ކައުންސިލް ގޮނޑިތަކަށް ޕީއެންސީގެ ޓިކެޓުގައި ވާދަކުރާ ކެންޑިޑޭޓުން ހޮވުމަށް އެހީތެރިވެ، އެ ފަރާތްތަކަށް ތާއީދު ދިނުމަށް ވަނީ ކަނޑައަޅާފައެވެ.
އަންނަ އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މި އިންތިޚާބަށް ޕީއެންސީން މިހާރު ވަނީ ތައްޔާރުވާން ފަށާފައެވެ. އެގޮތުން އެ ޕާޓީގެ ފަރާތުން އިންތިޚާބުގައި ވާދަކުރާނެ ކެންޑިޑޭޓުން ކަނޑައެޅުމަށްޓަކައި ބޭއްވި ޚާއްސަ ޕްރައިމަރީ މިދިޔަ މަހުގެ 27 ވަނަ ދުވަހު ވަނީ ބާއްވާ ނިންމާފައެވެ.



