ރާއްޖޭގައި ދީނީ ހޭލުންތެރިކަން އިތުރުކޮށް، ދީނީ ތަޢުލީމު ފުޅާކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫޢުތަކުގެ ތެރެއިން، ރާއްޖޭގެ 5 ރަށެއްގައި އިސްލާމީ މަރުކަޒުތަކާއި، މިސްކިތް އަދި ޤުރުއާން ސެންޓަރުތައް އެޅުމުގެ އެއްބަސްވުންތަކުގައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން މިއަދު ސޮއިކޮށްފިއެވެ. މި މަޝްރޫޢުތަކުގެ ދަށުން ޅ. ނައިފަރު، ހއ. އިހަވަންދޫ، ގއ. ވިލިނގިލި، އަދި ކ. ގުޅީގައި ދީނީ އެކި ބިނާތައް އެޅުމަށް ވަނީ އެކި ކުންފުނިތަކާ ހަވާލުކޮށްފައެވެ.
މި މަޝްރޫޢުގެ ދަށުން ޅ. ނައިފަރުގައި 1000 މީހުންގެ ޖާގައިގެ އިސްލާމީ މަރުކަޒެއް އެޅުމަށް ސެންޓްރަލް ލައިން ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފައިވާއިރު، ހއ. އިހަވަންދޫގައި 700 މީހުންގެ ޖާގައިގެ މަރުކަޒެއް ބިނާކުރުމަށް ފީޑޯ ޕްރައިވެޓް ލިމިޓެޑާ ވަނީ ހަވާލުކޮށްފައެވެ. މީގެ އިތުރުން ގއ. ވިލިނގިލީގައި 700 މީހުންގެ ޖާގައިގެ އިސްލާމީ މަރުކަޒެއް އެޅުމަށް ކޭ އެންޑް އެފް ހޯލްޑިންގްސްއާ ހަވާލުކޮށްފައިވާއިރު، މި ހުރިހާ މަރުކަޒުތަކެއްގައިވެސް އަންހެނުންނަށް ނަމާދުކުރެވޭނެ އިންތިޒާމާއި، ކްލާސްރޫމް، ލައިބްރަރީ އަދި ކޮންވެންޝަން ހޯލްތައް ހިމެނޭނެއެވެ.
ގއ. ވިލިނގިލީގައި ޤުރުއާން މަރުކަޒެއް ތަރައްޤީކުރުމަށާއި، ކ. ގުޅީގައި 500 މީހުންގެ ޖާގައިގެ މިސްކިތެއް ބިނާކުރުމުގެ މަސައްކަތް އަފާމީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ވަނީ ހަވާލުކޮށްފައެވެ. ވިލިނގިލީ ޤުރުއާން މަރުކަޒުގައި ޙިފްޒް ކޮޓަރިތަކާއި އޮފީސް ޖާގަ ހިމެނޭއިރު، ގުޅީގައި ބިނާކުރާ މިސްކިތުގައި ނަމާދުކުރާ ބައިގެ އިތުރުން ކްލާސްރޫމަކާއި ލައިބްރަރީއެއް ހިމެނުމަށް ވަނީ ނިންމާފައެވެ. މި ބިނާތަކަކީ ރަށްރަށުގެ ދީނީ ޚިދުމަތްތައް ހަރުދަނާކުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.
އިސްލާމިކް މިނިސްޓްރީން ވިދާޅުވި ގޮތުގައި، ދީނީ ދާއިރާއިން ބޭނުންވާ ޢުމްރާނީ ވަސީލަތްތައް ތަރައްޤީކުރުމުގެ ތެރެއިން ކުރިއަށް އޮތް ރަމަޟާން މަހަށް ޖުމްލަ 15 މިސްކިތެއްގެ މަސައްކަތް އެއްކޮށް ނިންމާ، އާންމުންނަށް ނަމާދުކުރެވޭނެހެން ހުޅުވާލުމަށް އަމާޒު ހިފާފައިވާކަމަށެވެ.



