ޕާކިސްތާނުގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި އެތައް ބަޔަކު މަރުވުމާ ގުޅިގެން، ޕާކިސްތާނުގެ ބޮޑުވަޒީރު މުޙައްމަދު ޝެޙްބާޒް ޝަރީފަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތައުޒިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ. ކަރާޗީގައި ހުންނަ ގުލް ޕްލާޒާގައި ހިނގި މި ހާދިސާގައި މިހާތަނަށް 21 މީހުން މަރުވެފައިވާކަން ވަނީ ކަށަވަރުވެފައެވެ.
ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުގައި، މި ހިތާމަވެރި ދަނޑިވަޅުގައި ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި އަދި އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި، ޕާކިސްތާނުގެ ސަރުކާރަށާއި ރައްޔިތުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ހަމްދަރުދީ ފޮނުއްވާފައިވެއެވެ. އަދި މި ހާދިސާގައި ފުރާނަ ގެއްލުނު މީހުންގެ އާއިލާތަކަށް ކެތްތެރިކަން ދެއްވުމަށް އެދިވަޑައިގެން، އެ އާއިލާތަކަށް ތައުޒިޔާ ރައްދުކުރެއްވިއެވެ.
މީގެއިތުރުން، މި ހާދިސާގައި އަނިޔާވި މީހުންނަށް އަވަސް ޝިފާއަކަށް އެދިވަޑައިގަންނަވާ ކަމަށާއި، މި ބޮޑު ކާރިސާއިން ލިބުނު ގެއްލުންތަކުން އަރައިގަތުމަށް ޕާކިސްތާނުން ކުރަމުންދާ މަސައްކަތްތަކަށް ކާމިޔާބީއަށް އެދިވަޑައިގަންނަވާ ކަމަށްވެސް ރައީސްގެ މެސެޖުގައި ފާހަގަކުރައްވާފައިވެއެވެ.
ކަރާޗީގެ މަޝްހޫރު ޝޮޕިން މޯލެއްގައި މިދިޔަ ހޮނިހިރު ދުވަހު ހިނގި މި އަލިފާނުގެ ހާދިސާ ކޮންޓްރޯލް ކުރުމަށް ގިނަ ގަޑިއިރުތަކެއް ހޭދަވެފައިވާއިރު، އިމާރާތުގެ ތެރޭގައި ތާށިވެފައި ތިބި މީހުން ހޯދުމުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކުން އަދިވެސް ދަނީ ހުއްޓުމެއްނެތި ކުރަމުންނެވެ.



