މާލޭ ވިޔަފާރި ބަނދަރުގައި މަސައްކަތް ކުރަމުންދިޔަ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ މުވައްޒަފަކު، ދެ ބޯޓު ދޭތެރެއަށް ވެއްޓި މިއަދު ހެނދުނު ނިޔާވެއްޖެއެވެ. މި ހާދިސާ ހިނގާފައިވަނީ އެމްޕީއެލް ސަރަހައްދުގައި އޮތް ދެ ޓަގްބޯޓު ދޭތެރެއަށް އޭނާ ވެއްޓިގެންނެވެ.
ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި، އެމްޕީއެލް ބަނދަރުގައި އޮތް ދެ ޓަގްބޯޓު ދޭތެރެއަށް މީހަކު ވެއްޓި އަނިޔާވެފައިވާ ކަމުގެ ރިޕޯޓް ލިބިފައިވަނީ މިއަދު ހެނދުނު 10:46 ހާއިރުއެވެ. މި ހާދިސާގައި ނިޔާވެފައިވަނީ ގއ. ދެއްވަދޫ، ދެކޮނުގެ، އުމުރުން 30 އަހަރުގެ އަމީން އަބްދުލްހަމީދު ކަމަށް ފުލުހުން ކަށަވަރުކޮށްދީފައިވެއެވެ.
އެމްޕީއެލް އިން ހާމަކޮށްފައިވާ ގޮތުގައި، ޑިއުޓީގައި ހުރި މި މުވައްޒަފު ދެ ޓަގްބޯޓު ދޭތެރެއަށް ވެއްޓުނީ މަސައްކަތުގައި އުޅެނިކޮށް ކުއްލިއަކަށް ފިޓުޖެހިގެންނެވެ. އޭނާ ވެއްޓުމާއެކު ވަގުތުން އައިޖީއެމްއެޗަށް ގެންދެވުނު ނަމަވެސް، ހޮސްޕިޓަލަށް ގެންދިޔައިރުވެސް އޭނާ ނިޔާވެފައިވާ ކަމަށް ޑޮކްޓަރުންނާ ހަވާލާދީ ފުލުހުން ބުނެފައިވެއެވެ.
މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލައި، ފުލުހުން މިހާރު އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ..



