ތައުލީމަކީ ދެމެހެއްޓެނިވި ތަރައްގީ އާއި ކުރިއެރުމުގެ ބިންގާ ކަމަށާއި، އޭގެ ސަބަބުން ގައުމަށް ފާގަތިކަން އަންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. ރައީސް މިހެން ވިދާޅުވީ މިއަދު ފާހަގަކުރާ ދުނިޔޭގެ ތައުލީމާ ބެހޭ ދުވަހާ ގުޅިގެން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގަ އެވެ.
ރައީސްގެ މެސެޖުގައި ވިދާޅުވީ، މިއަދު ކަށަވަރުކޮށްދެނީ ތައުލީމުގެ ކޯ-ކްރިއޭޓަރުންގެ ގޮތުގައި ޒުވާނުން ބާރުވެރިކުރުމަށާއި، އުނގެނުމަކީ ހުރިހާ ފަރާތްތަކެއް ހިމެނޭ، ގުޅުންހުރި، އަދި ބަދަލުކުރަނިވި ކަމެއްކަން ކަށަވަރުކުރުމަށް ކަމަށެވެ.
“ތައުލީމަކީ ދެމެހެއްޓެނިވި ތަރައްގީ އާއި ކުރިއެރުމުގެ ބިންގާ،” ރައީސް ވިދާޅުވި އެވެ.
މި ސަރުކާރަކީ ގައުމީ ތަރައްގީގައި ތައުލީމުގެ މުހިންމުކަން ދެނެގަނެ، އެކަމަށް ވަރަށް ބޮޑަށް މަގުފަހިކޮށްދެމުން އަންނަ ސަރުކާރެއްކަން ރައީސް ފާހަގަކުރެއްވި އެވެ. އެގޮތުން ފާއިތުވި ދެ އަހަރު ދުވަހުގެ ތެރޭގައި ފުރަތަމަ ޑިގްރީ ސްކީމްގެ ދަށުން 6،000 އަށް ވުރެ ގިނަ ދަރިވަރުން ގްރެޖުއޭޓްވެފައިވާ އިރު، ސްޓޫޑެންޓް ލޯނުގެ ގޮތުގައި އެއް ބިލިއަން ރުފިޔާއަށް ވުރެ ގިނަ ފައިސާ ދޫކޮށްފައިވާކަން އެ މަނިކުފާނު ހާމަކުރެއްވި އެވެ.
ރައީސް އިތުރަށް ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ހަމައެކަނި ތައުލީމީ ފުރުސަތުތައް ފުޅާކޮށްގެން ފަރުދީ މުސްތަގްބަލް ބައްޓަންކުރުން ނޫން ކަމަށެވެ. އޭގެ ބަދަލުގައި، ހަމަހަމަ ފުރުސަތުތައް ފަހިކޮށްދީގެން ފާގަތި ގައުމެއް ބިނާކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވި އެވެ.
މީގެ އިތުރުން، ކޮންމެ ދަރިވަރަކަށް ވެސް ކުރިއަރައި، ޖަމާއަތުގެ ތަރައްގީގައި ހިއްސާވުމުގެ ފުރުސަތު ލިބިގެންދާނެކަން ކަށަވަރުކުރުމަކީ ސަރުކާރުން އިސްކަންދޭ ކަމެއް ކަމުގައި ރައީސް ޑރ. މުއިއްޒު ވިދާޅުވި އެވެ.



