ދިވެހި ޤައުމިއްޔަތަށް ލޯބިކުރާ، ޒިންމާދާރު، އަދި ޖިސްމާނީ އާއި ނަފްސާނީ ގޮތުން ދުޅަހެޔޮ ޖީލެއް ބިނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އިސްނަންގަވައިގެން ފައްޓަވާފައިވާ “މޯލްޑިވްސް ނޭޝަނަލް ސަރވިސް” (ދިވެހި ވަޠަނީ ޚިދުމަތް) ގެ ދެވަނަ ބުރުގެ ތަމްރީނުތަކުގައި ބައިވެރިވާ ދަރިވަރުން މިއަދު ފުރައިފިއެވެ.
ނޭޝަނަލް ސަރވިސް އިނީޝިއަލް ޓްރެއިނިންގގެ މި ބުރުގައި ރާއްޖޭގެ 112 ރަށަކުން ޖުމްލަ 350 ދަރިވަރުން ބައިވެރިވެއެވެ. މީގެ ތެރޭގައި ހިމެނެނީ 286 ފިރިހެން ދަރިވަރުންނާއި 64 އަންހެން ދަރިވަރުންނެވެ. މި ދަރިވަރުން ތަމްރީނުތައް ފުރިހަމަކުރާނީ ޅ. މާފިލާފުށީގައެވެ.
ތިން މަސްދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ތަމްރީނުތަކުގެ މައިގަނޑު މަޤްޞަދަކީ ދިވެހި ޒުވާނުންގެ މެދުގައި ޤައުމިއްޔަތުގެ ރޫޙާއި ފަޚުރު ދިރުވާ އާލާކުރުމެވެ. މީގެ އިތުރުން އިސްލާމްދީނަށް ލޯބިކުރާ، އެއްބައެއްވަންތަކަމާއެކު މަސައްކަތްކުރާ، އަދި އަޚުލާޤާއި ސުލޫކު ރަނގަޅު ކެތްތެރި ބަޔަކަށް ޒުވާނުން ހެދުމަކީވެސް މި ޕްރޮގްރާމުގެ އަމާޒެކެވެ.
މިނިސްޓްރީ އޮފް ޑިފެންސުން ހާމަކުރައްވާފައިވާ ގޮތުގައި، މި ތަމްރީނުތަކުގެ ސަބަބުން ޒުވާނުންނަކީ ދިރިއުޅުމުގެ މައިދާނުގައި ބޭނުންވާ މުހިންމު ހުނަރުތައް ދަސްވެފައިވާ، އުފެއްދުންތެރި އަދި ޒިންމާދާރު ރައްޔިތުންގެ ގޮތުގައި ބައްޓަންވެގެންދާނެއެވެ.
މި ތަމްރީނު ޕްރޮގްރާމުގެ ތެރޭގައި ތަފާތު އެކި ދާއިރާތަކުން ދަރިވަރުންނަށް އުނގަންނައިދެވޭނެއެވެ. އޭގެ ތެރޭގައި ދިވެހި ޤައުމިއްޔަތާއި، ދީނީ ތަރުބިއްޔަތާއި، ލީޑަރޝިޕް ހުނަރުތަކުގެ އިތުރުން ފަސްޓްއެއިޑް، ފަޔަރފައިޓިންގ، އަދި ލޭންގުއޭޖް ޕްރޮފިޝެންސީ ހިމެނެއެވެ.
މީގެ އިތުރުން، ހަށިހެޔޮކަން ދެމެހެއްޓުމަށްޓަކައި ފެތުމާއި، މޫދަށް އަހުލުވެރިވުމާއި، ހެވިކަމާއި، ކުޅިވަރާއި ކަސްރަތުގެ އިތުރުން ކޭމްޕިންގ އާއި ފީލްޑް އެކްޓިވިޓީތައް މި ތަމްރީނުތަކުގެ ތެރޭގައި ކުރިއަށްދާނެ ކަމަށް ޑިފެންސް މިނިސްޓްރީން މަޢުލޫމާތުދެއެވެ.



