ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ ބައި-އިލެކްޝަންގައި ވާދަކުރުމަށް ހުޅުވާލި ފުރުސަތުގައި، އިތުރު މީހަކު ކުރިމަތިލާފައި ނުވާތީ އދ. ދިއްދޫ، އދ. މަންދޫ، ހއ. ބާރަށު އަދި ހއ. އުތީމު ކައުންސިލްގެ ރައީސްކަމުގެ ގޮނޑި ވެރިކަން ކުރާ ޕީއެންސީއަށް ކަށަވަރުވެއްޖެއެވެ.
ދިއްދޫ އަދި މަންދޫގެ ނަތީޖާ
އދ. އަތޮޅުގެ ދެ ރަށް ކަމަށްވާ ދިއްދޫ އަދި މަންދޫ ކައުންސިލްގެ ރައީސްގެ ގޮނޑި ޕީއެންސީއަށް ކަށަވަރުވީ އެ މަގާމުތަކަށް އެހެން ޕާޓީއަކުން ނުވަތަ އަމިއްލަ ގޮތުންވެސް ކެންޑިޑޭޓަކު ކުރިމަތިލާފައި ނުވާތީއެވެ. މަންދޫ ކައުންސިލްގެ ރައީސަކަށް އިންތިހާބުވެވަޑައިގަތީ މިހާރުވެސް އެ މަގާމުގައި ހުންނެވި މުހައްމަދު ސައީދު އެވެ. އަދި ދިއްދޫ ކައުންސިލްގެ ރައީސް ކަމަށް އިންތިހާބުވެވަޑައިގަތީ މިހާރު ކައުންސިލް މެންބަރުކަމުގެ މަގާމުގައި ހުންނެވި އަނީސް މުހައްމަދު އެވެ.
މީގެ އިތުރުން، ދިއްދޫ ކައުންސިލްގެ އަންހެނުންނަށް ހާއްސަކޮށްފައިވާ ގޮނޑިއަށް ޕީއެންސީގެ ޓިކެޓުގައި ކުރިމަތިލެއްވި އުންމުހާނީ ހުސެއިން ވަނީ އިންތިހާބަކާ ނުލައި ހޮވިފައެވެ. އަދި މި ދެ ރަށުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ގޮނޑިތައްވެސް ޕީއެންސީގެ ކެންޑިޑޭޓުން ވަނީ ކަށަވަރުކޮށްފައެވެ.
ބާރަށު އަދި އުތީމު ނަތީޖާ
ހއ. އަތޮޅުގެ ބާރަށާއި އުތީމު ކައުންސިލްގެ ރައީސްކަން ޕީއެންސީއަށް ކަށަވަރުވިކަން އިއުލާނުކުރެއްވީ ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު އެވެ. ޝުޖާއު ‘އެކްސް’ ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި ގޮތުގައި، ބާރަށު ކައުންސިލްގެ ރައީސްކަން ކަށަވަރުވީ ޢަލީ ޝަމީމް (އަލިބެ) އަށެވެ. އަދި އުތީމު ކައުންސިލްގެ ރައީސްކަން ކަށަވަރުވީ ޢަބްދުﷲ ރަޝީދު އަށެވެ.
ޝުޖާއު އިތުރަށް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޒަޢާމަތުގައި އިންތިޚާބުވި ބޭފުޅުންގެ ދައުރުގައި އެރަށްތަކުގެ ރައްޔިތުން ތަރައްޤީގެ އައު އުސްމިންތަކެއް ހާސިލްކުރާނެ” ކަމާމެދު ޝައްކު ނުކުރައްވާ ކަމަށެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހާމަކޮށްފައިވާ ގޮތުގައި، މިފަހަރުގެ އިންތިހާބުގައި ވާދަކުރުމަށް 3،547 މީހަކު ފޯމު ހުށަހެޅިއެވެ. އޭގެ ތެރެއިން ޝަރުތު ހަމަވެފައިވަނީ 2،993 ކެންޑިޑޭޓުންނެވެ. މީގެ ތެރޭގައި ކައުންސިލް އިންތިޚާބަށް ކުރިމަތިލީ 1،936 މީހުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ކުރިމަތިލީ 1،611 މީހުން ހިމެނެއެވެ.



