އަންނަ އޭޕްރީލު މަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރާނީ ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިންކަން އިލެކްޝަންސް ކޮމިޝަނުގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ޕީއެސްއެމް ނިއުސްގެ “ރާއްޖެމިއަދު” ޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަމުން އިލެކްޝަންސް ކޮމިޝަނުގެ ނާއިބު ރައީސް ޢަބްދުއްރަޙްމާން ޞަލާޙް ރަޝީދު ވަނީ އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ތަފްސީލުތައް ހާމަކުރައްވާފައެވެ. އެގޮތުން ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ޖުމްލަ 6 ސިޔާސީ ޕާޓީއަކުން 1210 ކެންޑިޑޭޓުންނާއި، އަމިއްލަ ގޮތުން 401 ކެންޑިޑޭޓުން ވާދަކުރާނެއެވެ.
ކައުންސިލްތަކަށް ޖުމްލަ 678 ކެންޑިޑޭޓުން އިންތިޚާބުކުރާއިރު، ޕީއެންސީން 665 ކެންޑިޑޭޓުން ވާދަކުރެއެވެ. ދެން އެންމެ ގިނަ ކެންޑިޑޭޓުން ކުރިމަތިލާފައިވަނީ އެމްޑީޕީންނެވެ. އެއީ 495 ކެންޑިޑޭޓުންނެވެ. މީގެ އިތުރުން އެމްޑީއޭ އިން 31 ކެންޑިޑޭޓުން، ޖުމްހޫރީ ޕާޓީއާއި ދަ ޑިމޮކްރެޓްސް އިން ކޮންމެ ޕާޓީއަކުން 8 ކެންޑިޑޭޓުން އަދި ޢަދާލަތު ޕާޓީން 3 ކެންޑިޑޭޓުން ވާދަކުރެއެވެ.
އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި 1383 ކެންޑިޑޭޓުންގެ ކެންޑިޑެންސީ ވަނީ ގަބޫލުކޮށްފައެވެ. މީގެ ތެރެއިން ވެސް އެންމެ ގިނަ ކެންޑިޑޭޓުން ނެރެފައިވަނީ ޕީއެންސީންނެވެ. އެ ޕާޓީން 658 ކެންޑިޑޭޓުން ވާދަކުރާއިރު، އެމްޑީޕީން 417 ކެންޑިޑޭޓުން ވާދަކުރެއެވެ. މީގެ އިތުރުން އެމްޑީއޭ އިން 28، ޢަދާލަތު ޕާޓީން 6 އަދި ޖުމްހޫރީ ޕާޓީން 7 ކެންޑިޑޭޓުން ވާދަކުރާއިރު، އަމިއްލަ ގޮތުން 267 ކެންޑިޑޭޓުން ވާދަކުރެއެވެ.
އިލެކްޝަންސް ކޮމިޝަނުން ހާމަކުރެއްވި ގޮތުގައި، ބައެއް ރަށްތަކުގެ ކައުންސިލްތަކަށް ބޭނުންވާ އަދަދަށް ކެންޑިޑޭޓުން ކުރިމަތިލާފައިވާތީ، ބައެއް ގޮނޑިތައް މިހާރުވެސް ވަނީ ކަށަވަރުވެފައެވެ.



