އިޖުތިމާއީ ކަންކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ހަމަތަކާއި މިންތައް ހިފަހައްޓައި، އެކަންކަން ރައްޔިތުންނަށް ފޯރުކޮށްދިނުމުގައި ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ކެންޑިޑޭޓުން ނަމޫނާ ދައްކަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ.
ނައިބު ރައީސް މިފަދައިން ވިދާޅުވީ، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ކެމްޕޭން ހަރަކާތްތައް މާފަންނު ހުޅަނގުގައި ރަސްމީކޮށް ފެށުމަށްޓަކައި ރޭ ބޭއްވި ޖަގަހަ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި ރައީސުލްޖުމްހޫރިއްޔާ މަސައްކަތްޕުޅު ކުރައްވަނީ ގައުމުގެ ހަމަޖެހުމާއި، ރައްކާތެރިކަން އަދި ތަރައްޤީއަށް އިސްކަންދެއްވައިގެންނެވެ.
މާލެ ސަރަޙައްދާއި މުޅި ރާއްޖޭގެ އިޖުތިމާޢީ ފޭރާން ރަނގަޅުކުރުމަށް ރައީސް ޑރ. މުޢިއްޒު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކަށް އަލިއަޅުވާލައްވަމުން ނައިބު ރައީސް ވިދާޅުވީ، ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު ޤާނޫނީ އޮނިގަނޑުގެ ތެރެއިންނާއި އުޞޫލުތަކުގެ ތެރެއިން އިޖުތިމާޢީ ދާއިރާގެ ހަމަޖެހުމަށް ރައީސް ޚާއްޞަ އިސްކަމެއް ދެއްވާ ކަމަށެވެ. ވަކިން ޚާއްޞަކޮށް މާލޭގެ އިޖުތިމާޢީ ހަމަޖެހުމަށް ރައީސް މޭޔަރުކަމުގައި ހުންނެވި އިރުއްސުރެ ގިނަ ރޭވުންތަކެއް ރާއްވަވާފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ނައިބު ރައީސް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ މާލެއަށް ގެންގުޅުއްވާ ތަޞައްވުރު ތަންފީޒުކުރުމަށްޓަކައި މާލެ ސިޓީ ކައުންސިލްގެ ފުރިހަމަ އެއްބާރުލުން ބޭނުންވާ ކަމަށެވެ. އެހެންކަމުން، ރައީސްގެ ފަހަތްޕުޅުގައި ސާބިތުކަމާއެކު ތިއްބަވާނެ ކޮންގްރެސް ޕާޓީގެ ކެންޑިޑޭޓުން އިންތިޚާބުކުރުމަކީ މުހިއްމު ކަމެއް ކަމަށް ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވިއެވެ.



