ކެންސަރު ބަލީގެ ފަރުވާ އަތޮޅުތަކުގެ ހޮސްޕިޓަލްތަކުގައި ދޭން ފެށުމަކީ ރާއްޖޭގެ ސިއްޙީ ދާއިރާއަށް ލިބިގެންދިޔަ ބޮޑު ކުރިއެރުމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. މިއަދު ފާހަގަކުރާ ބައިނަލައަގުވާމީ ކެންސަރު ދުވަހާ ގުޅިގެން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ، މި ބަލިން ސަލާމަތްވެފައިވާ މީހުންނާއި ބައްޔާ ހަނގުރާމަ ކުރަމުންދާ ފަރާތްތަކުން ދައްކަމުންދާ ހިތްވަރު ފާހަގަކުރައްވައި އެ ފަރާތްތަކަށް ތައުރީފު ކުރައްވާފައެވެ.
ރައީސް ވިދާޅުވީ ކޮންމެ އަހަރަކުވެސް ކެންސަރު ބަލީގައި ގިނަ ބަޔަކު ދުނިޔެ ދޫކުރަމުންދާއިރު، މި ބައްޔާ މެދު އާންމުން ހޭލުންތެރިކުރުމާއި ބަލި ޖެހޭ މިންވަރު މަދުކުރުމަށް ފިޔަވަޅު އެޅުމަކީ ނުހަނު މުހިންމު ކަމެއް ކަމަށެވެ. އަދި ބަލި ތަހައްމަލު ކުރަމުންދާ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަކީ މުޖުތަމައުގެ ހުރިހާ ފަރާތްތަކަކުން ހަނދުމަކުރަންޖެހޭ ކަމެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ސަރުކާރުން ކެންސަރު ބަލީގެ ފަރުވާ ހަރުދަނާކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، ދާދި ފަހުން ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި ކީމޯތެރަޕީގެ ފަރުވާ ފެށުމަކީ ލިބުނު ބޮޑު ކާމިޔާބީއެއް ކަމަށެވެ. ޒަމާންތަކެއް ވަންދެން މާލެއަށް އެކަނި ބަރޯސާވެފައި އޮތް އޮތުން ނިމުމަކަށް އައިސް، އަތޮޅުތަކަށް މި ޚިދުމަތް ފުޅާވުމަކީ ބަލިމީހުންނަށާއި އާއިލާތަކަށް މާލީ ގޮތުންނާއި ނަފްސާނީ ގޮތުން ލިބިގެންދިޔަ ބޮޑު ލުޔެއްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އުނގޫފާރު ހޮސްޕިޓަލަކީ މާލެއިން ބޭރުގައި މި ޚިދުމަތް ދޭން ފެށި ހަތަރުވަނަ ހޮސްޕިޓަލެވެ.
ރާއްޖޭގައި ކެންސަރު ބަލި ތަހައްމަލު ކުރާ ފަރާތްތަކަށް އުއްމީދު އާކޮށްދިނުމުގައި ސިއްޙީ ޚިދުމަތްތެރިންނާއި ޖަމިއްޔާ ޖަމާއަތްތަކުން ކުރަމުންދާ ބުރަ މަސައްކަތްތައް ފާހަގަކުރައްވައި ރައީސް ވަނީ އެ ފަރާތްތަކަށް ޝުކުރު އަދާކުރައްވާފައެވެ. އެމަނިކުފާނު ވިދާޅުވީ މިފަދަ ފަރާތްތަކުން ކުރާ އިޖުތިމާޢީ މަސައްކަތްތަކަކީ ބަލިމީހުންގެ ދިރިއުޅުމަށް ހެޔޮ ބަދަލުތަކެއް ގެނުވައިދޭ މުހިންމު މަސައްކަތްތަކެއް ކަމަށެވެ.



