ކ. ގުޅީފަޅު ކައިރިން ދަތުރުކުރަމުންދަނިކޮށް ބަންޑުންޖަހާލި ލޯންޗެއްގައި ތިބި 12 މީހުން އެމްއެންޑީއެފް ކޯސްޓްގާޑުގެ އެހީތެރިކަމާއެކު ސަލާމަތްކޮށްފިއެވެ. އެމްއެންޑީއެފް އިން ބުނީ މި ހާދިސާ ހިނގިއިރު އެ ލޯންޗުގައި 9 ފަތުރުވެރިންނާއި، ދެ ފަޅުވެރިންގެ އިތުރުން ކެޕްޓަން ހިމެނޭހެން ޖުމްލަ 12 މީހުން ތިބި ކަމަށެވެ.
“ބުލެޓް ސްޕީޑް” ނަމަކަށް ކިޔާ މި ލޯންޗު ބަންޑުންޖަހާލުމުން އޭގައި ތިބި މީހުން ކަނޑުވެފައި ތިއްބައި ފުރަތަމަ ނަގާފައިވަނީ އެ ސަރަހައްދުން ދަތުރުކުރަމުންދިޔަ “ބީޗް ސްޓޯން” ނަމަކަށް ކިޔާ ލޯންޗަކަށެވެ. މި ހާދިސާގެ މައުލޫމާތު ލިބުމާއެކު އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންގެ ހާބަރކްރާފްޓް ވަނީ އެ ސަރަހައްދަށް ގޮސް ހަރަކާތްތެރިވާން ފަށާފައެވެ.
ކޯސްޓްގާޑުން ސީނަށް އެޓެންޑްވެ، “ބީޗް ސްޓޯން” ލޯންޗަށް ނަގާފައި ތިބި މީހުން ކޯސްޓްގާޑުގެ ހާބަރކްރާފްޓަށް ބަދަލުކޮށްފައިވެއެވެ. އަދި މި ހާދިސާގައި ކަނޑުވި އެންމެން މިއަދު ހެނދުނު 09:40 ހާއިރު ވަނީ ސަލާމަތްތެރިކަމާއެކު މާލެ ގެނެސްދީފައެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބުނު ކަމުގެ ރިޕޯޓެއް މިހާތަނަށް ލިބިފައެއް ނުވެއެވެ. އެމްއެންޑީއެފް އިން އަންނަނީ މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން އިތުރަށް ބަލަމުންނެވެ.



