ކުރިއަށް އޮތް ތިން އަހަރު ދުވަހުގެ ތެރޭގައި ސަރުކާރުން މަދުވެގެން 10 ރިސޯޓު ތަރައްގީކޮށް، އެ ތަންތަނުގެ ހިއްސާދާރުންނަށް ދިވެހި ކޮންމެ ރައްޔިތަކު ހަދައި، ބޭރު ފައިސާ އެކައުންޓަށް ޖަމާކުރަން ފަށާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު އިއުލާނު ކުރައްވައިފިއެވެ.
ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވީ، ކެބިނެޓުން ނިންމާފައިވަނީ ސަރުކާރު ކުންފުންޏެއް މެދުވެރިކޮށް މި މަޝްރޫއު ކުރިއަށް ގެންގޮސް، ރާއްޖޭގެ ކޮންމެ ރައްޔިތެއްގެ ބޭންކް އެކައުންޓަށް އަހަރަކު އެއްފަހަރު ބޭރު ފައިސާ ޖަމާކޮށްދިނުމަށެވެ.
ރައީސް މުއިއްޒު ވިދާޅުވީ މި މަޝްރޫއުގެ ދަށުން ތަރައްގީކުރާ ހުރިހާ ރިސޯޓުތަކެއްގެ ހިއްސާދާރަކަށް ކޮންމެ ދިވެހި ރައްޔިތަކު ހަމަހަމަކަމާއެކު ހަދާނެ ކަމަށެވެ. މި އިންވެސްޓްމަންޓުން ލިބޭ ފައިދާ ދިވެހި އައިޑީ ކާޑު އޮތް ކޮންމެ ރައްޔިތަކަށް ލިބޭނެ ކަމަށާއި، އަންދާޒާ ކުރެވޭ ގޮތުގައި 2030 ވަނަ އަހަރުން ފެށިގެން މި ފައިސާ ރައްޔިތުންގެ އެކައުންޓުތަކަށް ޖަމާކުރަން ފެށޭނެއެވެ.
މި މަޝްރޫއުގެ މާލީ މަންފާއާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ކޮންމެ ރައްޔިތެއްގެ އެކައުންޓަށް އަހަރަކު 400 ޑޮލަރު ލިބޭނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށެވެ. އެގޮތުން ފަސް މެންބަރުން ހިމެނޭ އާއިލާއަކަށް އަހަރަކު 2000 ޑޮލަރު ލިބިގެންދާނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މިއީ ރާއްޖޭގެ އިގްތިސާދުގެ މައި ތަނބު ކަމަށްވާ ފަތުރުވެރިކަމުގެ ފައިދާ ސީދާ ރައްޔިތުންގެ ޖީބަށް ވާސިލުކޮށްދިނުމަށް ސަރުކާރުން އެކުލަވާލާފައިވާ މުހިންމު ސިޔާސަތެކެވެ.



