ކުޅުދުއްފުށި ސިޓީގައި ތަރައްގީކުރުމަށް ނިންމާފައިވާ 2،000 ހައުސިން ޔުނިޓުގެ އަމަލީ މަސައްކަތް މިއަހަރުގެ ތެރޭގައި ފަށާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެ އެވެ.
ލޯކަލް ކައުންސިލް ބައި-އިލެކްޝަންގައި ކުޅުދުއްފުށިން ވާދަކުރާ ޕީއެންސީގެ ކެންޑިޑޭޓުންގެ ކެމްޕޭން ލޯންޗުކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، އެޗްޑީސީއާ ހަވާލުކޮށްފައިވާ މި މަޝްރޫއުގެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ.
މިނިސްޓަރު މުއްތަލިބު ވިދާޅުވި ގޮތުގައި މިއަހަރުގެ ތެރޭގައި މަޝްރޫއުގެ މަސައްކަތް ފެށުމުގެ އިތުރުން، އެ ހައުސިން ޔުނިޓުތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައި، ޔުނިޓުތައް ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ މަސައްކަތް ވެސް ކުރިއަށް ގެންދެވޭނެ ކަމުގެ ވަރަށް ބޮޑު ޔަގީންކަމެއް އެބައޮތެވެ. މިއީ އެ ސިޓީގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ބޮޑު ހައްލެއް ލިބިގެންދާނެ މަޝްރޫއެއްކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.
ކުޅުދުއްފުށީގެ ހައުސިން މަޝްރޫއުގެ ތާރީޚަށް އަލިއަޅުވާލައްވަމުން މިނިސްޓަރު ވިދާޅުވީ، ކުރީ ސަރުކާރުން 2022 ވަނަ އަހަރު މި މަސައްކަތް ހަވާލުކުރީ އެމްޑީޕީގެ ކުރީގެ މެންބަރެއްގެ ކުންފުންޏަކާ ކަމަށެވެ. އެ ކުންފުންޏަށް އެޑްވާންސްގެ ގޮތުގައި 65 މިލިއަން އަދި މަސައްކަތް ހިނގަމުން ދަނިކޮށް 21 މިލިއަން ރުފިޔާ ދޫކޮށްފައިވީ ނަމަވެސް، ވެރިކަން ބަދަލުވިއިރު ނިމިފައިވަނީ މަޝްރޫއުގެ އެންމެ 18 އިންސައްތަ މަސައްކަތް ކަމަށް މުއްތަލިބު ވިދާޅުވި އެވެ.
މި ސަރުކާރުން އެ ކުންފުންޏާއެކު އަލުން މަޝްރޫއު ކުރިއަށް ގެންދަން މަސައްކަތް ކުރި ނަމަވެސް، އެއްބަސްވުމަކަށް ނާދެވުމުގެ ސަބަބުން މިދިޔަ އަހަރުގެ މެދުތެރޭގައި އެއްބަސްވުން ބާތިލުކޮށްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި މިހާރު އެ މަޝްރޫއު ކުރިއަށް ގެންދިއުމަށް އެޗްޑީސީއާ ހަވާލުކޮށްފައިވާތީ، ލަސްތަކެއްނުވެ އަމަލީ މަސައްކަތް ފެށިގެންދާނެ ކަމުގެ ޔަގީންކަން މިނިސްޓަރު ވަނީ ދެއްވާފަ އެވެ.



