ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ދެ ސައިކަލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ހަތަރު މީހެއްގެ ހާލު ސީރިއަސް ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.
ފުލުހުން ބުނީ މި އެކްސިޑެންޓުގައި އަނިޔާވި މީހުންނަށް ހުޅުމާލޭ ހޮސްޕިޓަލުގައި ފުރަތަމަ ފަރުވާ ދިނުމަށްފަހު، ހާލު ސީރިއަސް ހަތަރު މީހަކަށް މިހާރު ފަރުވާ ދެމުން އަންނަނީ އައިޖީއެމްއެޗްގައި ކަމަށެވެ. މި އެކްސިޑެންޓް ހިނގާފައިވަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ނިރޮޅުމަގުގައި ރޭ ދަންވަރު 2:55 ހާއިރުއެވެ.
މި ހާދިސާ ތަހުގީގު ކުރުމުގެ ތެރެއިން ގިނަ ގަވާއިދުތަކަކާ ހިލާފުވެފައިވާކަން ފުލުހުން ވަނީ ފާހަގަކޮށްފައެވެ. އެގޮތުން އެކްސިޑެންޓްވި އެއް ސައިކަލުގައި ތިން މީހުން އަރައި، ދުއްވާފައިވަނީ ވަންވޭއާ އިދިކޮޅަށް ކަމަށް ފުލުހުން ބުންޏެވެ.
މީގެއިތުރުން އެ ސައިކަލަކީ ހުއްދަނެތި ނަގައިގެން ދުއްވި ސައިކަލެއް ކަމަށް ބެލެވޭ ކަމަށާއި، ސައިކަލު ދުއްވަން އިން މީހާގެ އަތުގައި އެ ކެޓަގަރީގެ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ނެތް ކަމަށް ވެސް ފުލުހުން މައުލޫމާތު ދެއެވެ.
މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.



