ސަރުކާރުން ރޯދަ ހަދިޔާގެ ގޮތުގައި ދޫކުރާ މަސްދަޅު ކޭސްތައް މާލެ ސަރަހައްދުގައި މިހާރު ބަހަމުންދާ މަރުކަޒުތަކުން ދޫކުރުން މި މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް ނިންމާލާނެ ކަމަށް ލޯކަލް ގަވަމަންޓް މިނިސްޓަރު އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެއެވެ. މިނިސްޓަރު ވިދާޅުވީ އެ ތާރީޚުގެ ފަހުން މާލެ ސަރަހައްދުގައި މަސްދަޅު ކޭސް ދޫކުރާނީ މިފްކޯގެ ފިހާރަތަކުން ކަމަށެވެ.
ގްރޭޓާ މާލެ ސަރަހައްދުގައި ރޯދަ ހަދިޔާ ބެހުމުގެ މަސައްކަތް މިދިޔަ ޖެނުއަރީ މަހުގެ 24 ވަނަ ދުވަހުން ފެށިގެން އަންނަނީ ކުރަމުންނެވެ. މިހާރު މާލެ ސަރަހައްދުގެ 15 މަރުކަޒަކުން މަސްދަޅު ކޭސް ދޫކުރަމުންދާއިރު، މި ޚިދުމަތް ދެމުންދަނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ރެއެއްގެ 20:30 އިން 23:00 އަށެވެ.
ލޯކަލް ގަވަމަންޓް މިނިސްޓްރީން މައުލޫމާތު ދޭ ގޮތުގައި ރާއްޖޭގެ ހުރިހާ ރަށަކަށް ކަހަލަ ގޮތަކަށް މިހާރު ވަނީ މަސްދަޅު ކޭސްތައް ފޮނުވާފައެވެ. އަތޮޅުތެރޭގެ ރަށްރަށުގައި މި ތަކެތި ބެހުމުގެ އެންމެހާ އިންތިޒާމުތައް ބަލަހައްޓަމުން ގެންދާނީ އެ ރަށެއްގެ ރަށު ކައުންސިލްތަކުން ކަމަށްވެސް އެ މިނިސްޓްރީން ބުނެފައިވެއެވެ.
މިއީ ރަމަޟާން މަހާ ދިމާކޮށް ކޮންމެ ގޭބިސީއަކަށް މަސްދަޅު ކޭހެއް ދިނުމަށް ސަރުކާރުން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.



