ޖަރުމަނުވިލާތުގެ ރައީސް ފްރޭންކް-ވޯލްޓާ ސްޓައިންމަޔާގެ ދަޢުވަތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެ ގައުމަށް ކުރައްވާ ރަސްމީ ދަތުރުފުޅެއް މިއަދު ފައްޓަވައިފިއެވެ. މި މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ދަތުރުފުޅުގައި ރައީސްގެ އަރިހުގައި ވަޒީރުންނާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، ސަރުކާރުގެ އިސްވެރިންގެ އިތުރުން ރާއްޖޭގެ ވިޔަފާރިވެރިންގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.
މި ދަތުރުފުޅުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ޖަރުމަނު ސަރުކާރުގެ އިސް އޮފިޝަލުންނާ ބައްދަލުކުރައްވައި، ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން މަތީ ފަންތީގެ މަޝްވަރާތައް ކުރިއަށް ގެންދަވާނެއެވެ. މީގެ އިތުރުން، ބާލިންގައި ހުންނަ ހަމްބޮލްޓް ޔުނިވަސިޓީއަށް ޒިޔާރަތްކުރައްވައި، “މޫސުމީ ބަދަލަށް ހޭނުމުގައި ދިވެހިރާއްޖޭގެ ތަޖުރިބާ” މި މައުޟޫއަށް އެ ޔުނިވަސިޓީގައި ތަޤުރީރު ކުރެއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ. އަދި ޖާމަން ކައުންސިލް ފޮ ފޮރިން ރިލޭޝަންސްގައި ވެސް އެމަނިކުފާނު ތަޤުރީރު ކުރައްވާނެއެވެ.
އިގްތިސާދީ ގުޅުންތައް ވަރުގަދަކުރުމުގެ ގޮތުން މި ދަތުރުފުޅުގެ ތެރެއިން ޖަރުމަނުގައި ޚާއްސަ ބިޒްނަސް ފޯރަމެއް ބޭއްވުމަށް ވަނީ ތާވަލުކުރެވިފައެވެ. މި ފޯރަމްގައި ދެ ގައުމުގެ ވިޔަފާރިވެރިން ބައިވެރިވެވަޑައިގަންނަވާނެ ކަމަށާއި، ރާއްޖޭގައި ހުރި ވިޔަފާރިއާއި އިންވެސްޓްމަންޓްގެ ފުރުސަތުތަކާ ގުޅޭ ތަފްސީލީ މައުލޫމާތު މި ބައްދަލުވުންތަކުގެ ތެރެއިން ހިއްސާކުރެވޭނެއެވެ. މިއީ ރާއްޖޭގެ އިގްތިސާދު ފުޅާކުރުމަށް ބޭރުގެ އިންވެސްޓަރުން ހޯދުމަށް ކުރެވޭ މުހިންމު މަސައްކަތެކެވެ.
ދިވެހިރާއްޖެއާއި ޖަރުމަނުވިލާތާ ދެމެދު ޚާރިޖީ ގުޅުން ގާއިމުކޮށްފައިވަނީ ޖުލައި 5، 1966 ގައެވެ. .



