ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، “ޤަޟާޢީ އަހަރު 2026” ރަސްމީކޮށް އިފްތިތާޙް ކޮށްދެއްވައިފިއެވެ. ހުޅުމާލޭގައި ހުންނަ ސެންޓަރ ފޯރ ހަޔަރ ސެކަންޑަރީ އެޑިޔުކޭޝަން (ސީ.އެޗް.އެސް.އީ) ގެ ޖަލްސާކުރާ މާލަމުގައި ރޭ ބޭއްވި މި ޚާއްޞަ ރަސްމިއްޔާތުގައި ދައުލަތުގެ އިސްވެރިންނާއި ޝަރުޢީ ދާއިރާގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.
ކޮންމެ އަހަރަކު ބާއްވާ މި އިޙްތިފާލަކީ ފާއިތުވި އަހަރު ޝަރުޢީ ދާއިރާއިން ހާސިލުކުރި ކާމިޔާބީތައް ވަޒަންކޮށް، ކުރިމަތިވި ތަޖުރިބާތަކުގެ އަލީގައި އައު އަހަރުގެ ލަނޑުދަނޑިތައް ކަނޑައެޅުމަށް ބާއްވާ ރަސްމިއްޔާތެކެވެ. މީގެ އިތުރުން، މިއީ ޝަރުޢީ އަދި އިދާރީ ގޮތުން ދާއިރާ ހަރުދަނާކުރުމަށް މަޝްވަރާކޮށް، ރާއްޖޭގެ އެކި ކޯޓުތަކުގެ ފަނޑިޔާރުންނާއި މުވައްޒަފުން އެއް މާހައުލަކުން ބައްދަލުވެ ގުޅުން ބަދަހިކުރުމަށް ލިބޭ މުހިންމު ފުރުޞަތެކެވެ.
މި ރަސްމިއްޔާތުގެ ތެރެއިން، ޝަރުޢީ ދާއިރާއަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވުމަށްފަހު ޝަރަފުވެރިކަމާއެކު މުސްކުޅިކުރައްވާފައިވާ ފަނޑިޔާރުންނާއި، ދާއިރާގެ ކުރިއެރުމަށް މަސައްކަތްކުރެއްވި މުވައްޒަފުންގެ އަގުވަޒަންކޮށް ހަނދާނީފިލާ ބަދަލުކުރެވުނެވެ. މިގޮތުން ޚިދުމަތްތެރިންނަށް ހަނދާނީފިލާ ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ. އަދި ޝަރުޢީ ދާއިރާއަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެއްވި ހަތް ބޭފުޅަކަށް، އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުލްޣަނީ މުޙައްމަދު ވަނީ ހަނދާނީފިލާ އަރުވާފައެވެ.
ރަސްމިއްޔާތު ނިންމާލުމުގެ ގޮތުން ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުލްޣަނީ މުޙައްމަދު ވަނީ ޤަޟާޢީ ބަޔާން އިއްވަވާފައެވެ. މި ބަޔާނުގައި ކުރިއަށް އޮތް އަހަރު ޝަރުޢީ ނިޒާމު ހަރުދަނާކުރުމަށް ކުރަންޖެހޭ މަސައްކަތްތަކާއި، އަދުލު އިންސާފު ގާއިމުކުރުމުގައި ހުރި ގޮންޖެހުންތަކުން އަރައިގަތުމަށް ކަނޑައަޅާފައިވާ ސިޔާސަތުތަކުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ.



