ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއް ތާރީޚެއްގައި ބޭއްވުމަށް މަގުފަހިކުރުމަށްޓަކައި، ޤާނޫނުއަސާސީއަށް ހުށަހަޅާފައިވާ އިސްލާޙު ފާސްކުރުމަށް މާދަމާ ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާކޮށްފިއެވެ. މި ބިލަކީ ރައީސުލްޖުމްހޫރިއްޔާ އާއި މަޖިލިސް މެންބަރުން ހޮވުމުގެ އިންތިޚާބުތައް އެކުއެކީގައި ކުރިއަށްގެންދިއުމަށްޓަކައި ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ މުހިންމު ބިލެކެވެ.
މި ބިލު ދިރާސާކުރި މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މިއަދު ވަނީ ބިލު ފާސްކޮށް، ކޮމިޓީގެ ރިޕޯޓު ނިންމާފައެވެ. ކޮމިޓީ މަރުހަލާގައި މި އިސްލާޙުތައް ދިރާސާކުރިއިރު، އިލެކްޝަންސް ކޮމިޝަނާއި، އެޓާނީ ޖެނެރަލްގެ އިތުރުން ސިޔާސީ ޕާޓީތަކުގެ ލަފަޔާއި މަޝްވަރާ ހޯދާފައިވާކަމަށް މަޖިލީހުގެ އިދާރާއިން މަޢުލޫމާތުދެއެވެ. މާދަމާގެ ޖަލްސާގައި އޮންނާނީ މި ރިޕޯޓަށް ބަހުސްކުރުމާއި ބިލު ފާސްކުރުމަށް ވޯޓަށް އެހުމެވެ.
ހުށަހެޅިފައިވާ ބިލުގައިވާ ގޮތުން، މަޖިލީހުގެ އުމުރު ގުނާނެ އުސޫލަށް ބޮޑެތި ބަދަލުތަކެއް އަންނާނެއެވެ. އެގޮތުން މަޖިލީހުގެ ދައުރަކީ ކޮންމެ 5 އަހަރަކުން ޑިސެމްބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެން ހިނގާ މުއްދަތެއްގެ ގޮތުގައި ކަނޑައަޅައި، އެ މުއްދަތު ހަމަވުމާއެކު މަޖިލިސް އުވޭނެކަމަށް ވަނީ ބަޔާންކޮށްފައެވެ. އަދި އައު މަޖިލީހުގެ ފުރަތަމަ ޖަލްސާވެސް ބާއްވަންވާނީ ޑިސެމްބަރު 1 ގައެވެ.
މި އިސްލާޙު ފާސްވެއްޖެނަމަ، މިހާރު ހިނގަމުންދާ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ދައުރު 1 ޑިސެމްބަރު 2028 އަށް ހަމަވާނެއެވެ. މިއީ މިހާރު ޤާނޫނުއަސާސީގައި މަޖިލީހުގެ ދައުރު ހަމަވާނެކަމަށް ބުނާ 2029 ވަނަ އަހަރަށްވުރެ ކުރު މުއްދަތެކެވެ. މި ބަދަލާއެކު ދެން އެންމެ އަވަހަށް ބާއްވާ އިންތިޚާބުތައް ވެގެންދާނީ ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެކީގައި ބޭއްވޭ ފުރަތަމަ ފަހަރަށެވެ.



