އަންނަ އޭޕްރިލް މަހުގެ ހަތަރުވަނަ ދުވަހު ބޭއްވުމަށް ތައްޔާރުވަމުންދާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބު މޮނިޓަރު ކުރުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން މިއަދު ހުޅުވާލައިފިއެވެ. މިއީ އިންތިހާބުގެ ކަންކަން ދެފުށް ފެންނަ ގޮތަކަށް ކުރިއަށްދާކަން ކަށަވަރުކުރުމަށް ދެވޭ ފުރުސަތެކެވެ.
އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފައިވާ ގޮތުގައި، އިންތިހާބުގެ ވޯޓުލުމާއި ވޯޓު ގުނުމުގެ މަރުހަލާތައް މޮނިޓަރުކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން ކުރިމަތިލުމުގެ ސުންގަޑިއަކީ މި މަހުގެ 28 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 15:00 އެވެ. މި މުއްދަތުގެ ކުރިން ފޯމު ހުށަހަޅާ ފަރާތްތަކަށް މޮނިޓަރުކަމުގެ ހުއްދަ ދޫކުރެވޭނެއެވެ.
މި އިންތިހާބަކީ ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމަށް މުހިންމު އިންތިހާބަކަށް ވާއިރު، މޮނިޓަރުންގެ ގޮތުގައި ހަރަކާތްތެރިވާ ފަރާތްތަކުން އަމަލުކުރަންޖެހޭ ވަކި ހަމަތަކާއި އުސޫލުތަކެއް އީސީން ވަނީ ކަނޑައަޅާފައެވެ. އިންތިހާބުގެ ކަންކަން ގާތުން ބެލުމުގެ ފުރުސަތު ދިނުމަށް ހަމަޖެހިފައިވަނީ އެކަމަށް ކަނޑައެޅިފައިވާ ޝަރުތުތައް ފުރިހަމަވާ ފަރާތްތަކަށެވެ.
ކައުންސިލް އިންތިހާބާއި ޑަބްލިއުޑީސީ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ހަމަޖެހިފައިވާއިރު، އީސީން ދަނީ އިންތިހާބަށް ވާންޖެހޭ އެންމެހާ ތައްޔާރީތައް ވަމުންނެވެ. މޮނިޓަރުންގެ އިތުރުން އޮބްޒާވަރުންނާއި ކެންޑިޑޭޓުންގެ މަންދޫބުންނަށް ވެސް އިންތިހާބުގެ ކަންކަން ބެލުމުގެ ފުރުސަތު ގާނޫނީ އުސޫލުތަކުގެ ތެރެއިން ލިބިގެންދާނެއެވެ.



