ޕާކިސްތާނުގައި ބޭއްވި ނުވަވަނަ “އިންޓަނޭޝަނަލް ޕާކިސްތާން އާމީ ޓީމް ސްޕިރިޓް (ޕެޓްސް) ކޮމްޕެޓިޝަން” ގައި ބައިވެރިވި އެމްއެންޑީއެފްގެ ޓީމުން ހޯދި ކާމިޔާބީއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މަރުހަބާ ދަންނަވައިފި އެވެ.
ފެބުރުއަރީ ފަހަކުން ހަތަކަށް ޕާކިސްތާންގެ ނޭޝަނަަލް ކައުންޓާ ޓެރެރިޒަމް ސެންޓަރު، ޕަބި، ގައި ކުރިއަށްދިޔަ އެ މުބާރާތުގައި 16 ގައުމެއްގެ އަސްކަރިއްޔާއިން 24 ޓީމެއް ބައިވެރިވިއެވެ. ދިފާއީ ވުޒާރާއިން ވިދާޅުވީ އެ މުބާރާތުގައި އެމްއެންޑީއެފުން ބައިވެރިވި ޓީމްގައި ހިމެނެނީ ސްޕެޝަލް ފޯސަސްގެ 15 ސިފައިން ކަމަށެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ ޕެޓްސް މުބާރާތުގައި މިއަހަރު ވާދަކުރި ރާއްޖޭގެ ގައުމީ ދިފާއީ ބާރުގެ ސްޕެޝަލް ފޯސަސްގެ ޓީމުން ރަން މެޑަލް ހާސިލު ކުރުމަކީ ދިވެހި އަސްކަރިއްޔާ އަށާއި ރާއްޖެއަށް ލިބުނު ވަރަށް ބޮޑު ފަހުރަކާއި ޝަރަފެއް ކަމަށެވެ.
”ދިވެހި ސިފައިންނަށް ހޫނު މަރުޙަބާއެއް ކިޔާ، ޓީމުގެ ހުރިހާ މެންބަރުންނަށް އައްސަރިބަހާއި ސާބަސް ރައްދު ކުރަން،”. ރައީސް ވިދާޅުވިއެވެ.
ޓީމުގެ މެނޭޖަރަކީ ލެފްޓިނަންޓް މުޙައްމަދު ނީވީންއެވެ. އަދި އޮބްޒާވަރެއްގެ ގޮތުގައި މަސައްކަތް ކުރައްވާފައި ވަނީ ކާނަލް މުހައްމަދު ނާޒިމެވެ.
ޕާކިސްތާން އަސްކަރިއްޔާއިން ކުރިއަށްގެންދާ “ޕެޓްސް ކޮމްޕެޓިޝަން” އަކީ އަސްކަރީ ގާބިލުކަން އިތުރުކުރުމަށްޓަކައި ހިންގޭ އެންމެ މަތީ ފަންތީގެ މުބާރާތެއް ކަމަށް ވެސް އެ ވުޒާރާއިން ވިދާޅުވިއެވެ. އެގޮތުން އެ މުބާރާތުގައި އަސްކަރީ ގޮތުން ބޭނުންކުރާ އުކުޅުތަކާއި އެކިއެކި ހާލަތްތަކުގައި އަމަލުކުރާނެ ގޮތްތައް ވަނީ ކުރިއަށް ގެންގޮސްފައެވެ.
މި މުބާރާތުގައި 16 ގައުމަކުން 24 ޓީމު ބައިވެރިވިކަން ފާހަގަކުރައްވާ ރައީސް މުއިއްޒު ވިދާޅުވީ މި މުބާރާތަކީ އަހަރަކު އެއްފަހަރު ބާއްވާ ޓީމުތަކުގެ އަސްކަރީ ހުނަރުގެ މޮޅުކަމާއި އަސްކަރީ އަހުލާގާއި ބައިވެރިންގެ ހިތްވަރާއި އަޒުމް، ބުންވަރާއި މެންޓަލް ފިޓްނަސް އަދި ޓީމުގެ ބަދަހި ގުޅުން ތަފާތު އެތަކެއް އުނދަގޫ ހާލަތުގައި ޓެސްޓު ކުރާ މުބާރާތެއް ކަމަށެވެ.



