ކުރިއަށް އޮތް ރަމަޟާން މަހާއި ޝައްވާލު މަހުގެ ފުރަތަމަ ހަތް ދުވަހު ފިހާރަތަކާއި ކެފޭ ރެސްޓޯރަންޓުތައް ހުޅުވާފައި ބެހެއްޓޭނެ ގަޑިތައް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން މިއަދު އާންމުކޮށްފިއެވެ. މި ނިންމުމާއެކު މީހުން ދިރިއުޅޭ ރަށްތަކުގައި ހިންގާ ވިޔަފާރިތަކުން އަމަލުކުރަންޖެހޭ ވަގުތުތަކަށް ބަދަލުތަކެއް އަންނާނެއެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނި ގޮތުގައި، ރޯދަމަހު ކެއިން ބުއިމުގެ ޚިދުމަތްދޭ ރެސްޓޯރަންޓުތަކާއި ކެފޭ ފަދަ ތަންތަން ހުޅުވާފައި ބެހެއްޓޭނީ ހަވީރު 17:30 އިން ފެށިގެން ދަންވަރު 03:00 އަށެވެ. އަދި ޝައްވާލު މަހުގެ ފުރަތަމަ ހަތް ދުވަހު މިފަދަ ތަންތަން ހުޅުވާފައި ބެހެއްޓޭނީ ފަތިހު 04:30 އިން ފެށިގެން ދަންވަރުގެ ވަގުތުތަކާ ހަމައަށެވެ.
މުދާ ވިއްކާ ފިހާރަތަކަށް ކަނޑައަޅާފައިވާ ގަޑިތަކަށް ބަލާއިރު، މާދަމާއިން ފެށިގެން އެފަދަ ތަންތަން ހުޅުވާފައި ބެހެއްޓޭނީ ފަތިހު 05:30 އިން ދަންވަރު 01:00 އާ ހަމައަށެވެ. ރޯދަމަހާއި ޝައްވާލު މަހުގެ ފުރަތަމަ ހަތް ދުވަހު ވެސް ފިހާރަތައް ހުޅުވާފައި ބެހެއްޓުމަށް ހަމަޖެހިފައިވަނީ މި ވަގުތުތަކުގައި ކަމަށް މިނިސްޓްރީން މައުލޫމާތު ދެއެވެ.
ކަލަންޑަރުގައިވާ ގޮތުން މިއަހަރުގެ ރަމަޟާން މަސް ފެށޭނީ އަންނަ ހަފުތާގެ ބުދަ ދުވަހުއެވެ. އިކޮނޮމިކް މިނިސްޓްރީން ވަނީ މީހުން ދިރިއުޅޭ ހުރިހާ ރަށްތަކެއްގައި ހިންގާ ވިޔަފާރިތަކުން މި ގަޑިތަކަށް އަމަލުކުރުމަށް އިރުޝާދު ދީފައެވެ.



