އަންނަ އޭޕްރީލް މަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި، މިހާރު ރަޖިސްޓަރީވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލާން ބޭނުންވާ ފަރާތްތަކަށް ރީ-ރަޖިސްޓަރީވުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ.
މި ފުރުސަތު ހުޅުވާލާފައިވަނީ އަންގާރަ ދުވަހުން ފެށިގެން މި މަހުގެ 16 ވަނަ ދުވަހުގެ މެންދުރުފަހު 3:00 އާ ހަމައަށެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނި ގޮތުގައި މި މުއްދަތުގެ ތެރޭގައި ރީ-ރަޖިސްޓަރީވުމަށް ހުށަހަޅަންޖެހޭނީ 2024 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވޯޓުލުމަށް ރަޖިސްޓަރީވެފައިވާ ތަން ނޫން އެހެން ތަނަކަށް ވޯޓުލާން ބޭނުންވާ މީހުން އެކަންޏެވެ. އަދި މަޖިލިސް އިންތިހާބުގައި ރިސޯޓު، ސިނާއީ ރަށްތައް، ޖަލު ނުވަތަ ރާއްޖެއިން ބޭރުގައި ވޯޓުލުމަށް ރަޖިސްޓަރީކޮށްފައިވާ ފަރާތްތައް، މި އިންތިހާބުގައި އޮޓޯއިން ރަޖިސްޓަރީވާނީ އެމީހެއްގެ ދާއިމީ އެޑްރެހަށް ކަމަށްވެސް ކޮމިޝަނުން މައުލޫމާތުދެއެވެ.
ރީ-ރަޖިސްޓަރީވުމުގެ ކަންކަން ކުރިއަށްދާނީ އިލެކްޝަންސް ކޮމިޝަންގެ ރީ-ރަޖިސްޓްރޭޝަން ޕޯޓަލް ނުވަތަ މައި ޕޯޓަލް މެދުވެރިކޮށެވެ. އާންމު ޕޯޓަލް މެދުވެރިކޮށް ފޯމު ހުށަހަޅާއިރު، ވޯޓުލުމަށް ބޭނުންކުރާ ރަސްމީ ލިޔުމެއްގެ ކޮޕީއަކާއި ފޮޓޯއެއް ހުށަހަޅަން ޖެހެއެވެ. ނަމަވެސް ވެރިފައިޑް އީފާސް އެކައުންޓެއް މެދުވެރިކޮށް “މައި ޕޯޓަލް” އިން ހުށަހަޅާނަމަ، އައިޑީ ކާޑުގެ ކޮޕީއާއި ފޮޓޯ ހުށަހަޅާކަށް ނުޖެހޭނެއެވެ.
ވޯޓުލުމަށް މިހާރު ރަޖިސްޓަރީވެފައިވާ ތަން ބެލުމަށްޓަކައި ކޮމިޝަނުން ވަނީ ޚާއްސަ ނަންބަރެއްވެސް އާންމުކޮށްފައެވެ. އެގޮތުން VR (Space) NID ޖެއްސެވުމަށްފަހު 1414 އަށް އެސްއެމްއެސް ކުރުމުން، އެމީހަކު މިހާރު ރަޖިސްޓަރީވެފައިވާ ތަނުގެ މައުލޫމާތު ސާފުވާނެއެވެ. މިއީ އިންތިހާބުގެ ކުރިން ވޯޓުލާ ފޮށި ކަށަވަރުކުރުމަށް ދެވޭ ފުރުސަތެކެވެ.
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ތާވަލުކޮށްފައިވަނީ އޭޕްރީލް މަހުގެ 4 ވަނަ ދުވަހަށެވެ.



