ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ޖަރުމަނުވިލާތަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން، އެ ޤައުމުގައި ދިރިއުޅެމުންދާ ދިވެހި ރައްޔިތުންނާ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން ބާއްވާފައިވަނީ ޖަރުމަނުވިލާތުގައި ތިބި ދިވެހިންގެ ހާލުއަހުވާލު ބެއްލެވުމަށާއި، އެމީހުންނަށް ދިމާވާ ގޮންޖެހުންތައް އޮޅުންފިލުއްވުމުގެ މަގުސަދުގައެވެ.
މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ބޭރު ޤައުމުތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅުތަކުގައި އެ ޤައުމުތަކުގައި ދިރިއުޅޭ ދިވެހި ރައްޔިތުންނާ ބައްދަލުކުރެއްވުމަކީ އެމަނިކުފާނު ޚާއްޞަ އިސްކަމެއް ދެއްވާ ކަމެއް ކަމަށެވެ. އަދި ޖަރުމަނުވިލާތުގައި ދިރިއުޅޭ ހުރިހާ ދިވެހި ރައްޔިތުންނަށް އެމަނިކުފާނު ވަނީ ހެޔޮއެދުންތައް އަރިސްކުރައްވާފައެވެ.
މި ބައްދަލުވުމުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ވަނީ ބައިވެރިވި ދިވެހިންނާ ވަކިވަކިން ބައްދަލުކުރައްވައި، އެ ފަރާތްތަކުގެ ޝުއޫރުތަކާއި ކަންބޮޑުވުންތައް އަޑުއައްސަވާފައެވެ. މިއީ ރައްޔިތުންގެ އަޑު ގާތުން އެއްސެވުމަށް އެމަނިކުފާނު ދެއްވި ފުރުސަތެއްކަން ފާހަގަކުރެވެއެވެ.
ރައީސުލްޖުމްހޫރިއްޔާ ގެންދަވަނީ ބޭރުގެ އެކި ޤައުމުތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅުތަކުގެ ތެރެއިން، އެ ޤައުމުތަކުގައި ވަޒީފާ އަދާކުރާ އަދި ތައުލީމު ހާސިލުކުރާ ދިވެހިންނާ ބައްދަލުކުރައްވައި، އެމީހުންގެ ހާލަތު ބައްލަވަމުންނެވެ.



