މި ސަރުކާރުން ފެށި ބޯހިޔާވަހިކަމުގެ ފުރަތަމަ މަޝްރޫއުގެ ދަށުން ދޫކުރާ ފްލެޓާއި ގޯއްޗަށް އެދި މިހާތަނަށް 3،651 ފޯމު ހުށަހަޅާފައިވާ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ. މިނިސްޓަރު ވިދާޅުވީ ފޯމު ހުށަހަޅާފައިވާ މީހުންގެ އިތުރުން، ޕޯޓަލްގައި ފޯމު ފުރައި ނުނިމި (ޑްރާފްޓް ސްޓޭޖުގައި) 10،000 އެޕްލިކޭޝަން މިވަގުތުވެސް އެބައޮތް ކަމަށެވެ.
މި މަޝްރޫއުގެ ތެރެއިން ހާއްސަކޮށް ފްލެޓަށް އޮތް ޑިމާންޑު ވަރަށް ބޮޑުކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ، މީގެ މައިގަނޑު ސަބަބަކީ ތިން ކޮޓަރީގެ ފްލެޓުތަކަށް ކުރިމަތިލާން ހުޅުވާލާފައިވުން ކަމަށް ބެލެވޭ ކަމަށެވެ. އަދި މި ސްކީމަކީ އެއްވެސް ބޯހިޔާވަހިކަމެއް ނެތް މީހުންނަށް އަމާޒުކޮށްފައިވާ ސްކީމަކަށް ވާތީ، ގިނަ ބަޔަކު ބޭނުންވަނީ ގޯއްޗެއް ލިބިގެން އެ އިމާރާތް ކުރުމުގެ ބަދަލުގައި ވަގުތުން ވަދެވޭނެ ފްލެޓެއް ހޯދުމަށް ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު މުއްތަލިބު އިތުރަށް ވިދާޅުވީ ސަރުކާރުގެ އަމާޒަކީ އެއްވެސް ބަޔަކަށް ފުރުސަތު ހަނިކުރުން ނޫން ކަމަށާއި، އެންމެ ފުރަތަމަ ބޯހިޔާވަހިކަން ބޭނުންވާ ފަރާތްތަކަށް އިސްކަންދިނުން ކަމަށެވެ. އެގޮތުން ހުޅުވާލާފައިވާ އަދަދަށްވުރެ މަދުން މީހުން ކުރިމަތިލައިފި ނަމަ، އަނބިމީހާ ނުވަތަ ފިރިމީހާގެ ނަމުގައި ބޯހިޔާވަހިކަމެއް އޮތް ނަމަވެސް އެފަދަ ފަރާތްތަކަށް ފުރުސަތު ދެވޭގޮތަށް ޝަރުތުތަކަށް ލުއި ދިނުމަށް ވިސްނަވާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
ބޯހިޔާވަހިކަމުގެ މި މަޝްރޫއަށް ކުރިމަތިލުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާއިރު، ގޯއްޗަށް އެދި ހުށަހެޅުމުގެ ސުންގަޑިއަކީ މާޗު މަހުގެ 4 ވަނަ ދުވަހެވެ. އަދި ފްލެޓަށް އެދި ފޯމު ހުށަހެޅުމުގެ ފުރުސަތު އޭޕްރީލް މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް އޮންނާނެއެވެ. މިނިސްޓަރު ވަނީ ފޯމު ހުށަހަޅާއިރު އަވަސް އަރުވާނުލައި، ބޭނުންވާ ހުރިހާ ލިޔެކިޔުންތައް ހަމަކުރުމަށް އިލްތިމާސް ކުރައްވާފައެވެ.



