ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް 1447 ވަނަ އަހަރުގެ ބަރަކާތްތެރި ރަމަޟާންމަހަށް ކޮންމެ ގޭބިސީއަކަށް ސަރުކާރުން ދޫކުރާ ރޯދަ ހަދިޔާ، ގްރޭޓަރ މާލެ ސަރަޙައްދުގައި ބެހުމުގެ މަސައްކަތް ރޭގެ ނިޔަލަށް ނިންމާލައިފިއެވެ. މި މަސައްކަތް ނިމުމަކަށް އައި ނަމަވެސް، އެކި ސަބަބުތަކާހުރެ މިހާތަނަށް ހަދިޔާ ހޯއްދަވާފައިނުވާ ފަރާތްތަކަށް އެ ފުރުޞަތު އަދިވެސް ވަނީ ހުޅުވާލާފައެވެ.
މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވޯކްސް އާދަމް ޝަރީފް އުމަރު ވިދާޅުވީ، މިހާތަނަށް ރޯދަ ހަދިޔާ ނުލިބޭ ފަރާތްތަކަށް މުލަ ރޯދަ ދުވަހާ ހަމައަށް މާލޭގައި ހުންނަ މިފްކޯ މަރުކަޒުން މަސްދަޅު ކޭސް ދޫކުރާނެ ކަމަށެވެ. މި ތަނުން ހަދިޔާ ދޫކުރުމަށް ހަމަޖެހިފައިވަނީ ކޮންމެ ރެއެއްގެ 8:30 އިން 11:00 އަށެވެ. މިނިސްޓަރ ވަނީ ރޯދަ ހަދިޔާ ބެހުމުގެ ބުރަ މަސައްކަތުގައި އުޅުއްވި ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރައްވާފައެވެ.
ގްރޭޓަރ މާލެ ސަރަހައްދުގައި ހިމެނޭ މާލެ، ވިލިމާލެ އަދި ހުޅުމާލޭގެ ޖުމްލަ 15 ސަރަޙައްދެއްގައި މަސްދަޅުކޭސް ބެހުމުގެ މަސައްކަތް ވަނީ ކުރިއަށް ގެންގޮސްފައެވެ. މިދިޔަ މަހުގެ 24 ވަނަ ދުވަހު ފެށި މި މަސައްކަތުގެ ދަށުން ކޮންމެ ގޭބިސީއަކަށް ދޫކުރަމުންދަނީ 48 ދަޅު ހިމެނޭ މަސްދަޅު ކޭހެކެވެ.
ސަރުކާރުން މީގެ ކުރިން ހާމަކޮށްފައިވާ ގޮތުގައި، މި އަހަރުގެ ރަމަޟާން މަސް ފެށުމުގެ ކުރިން ޖުމްލަ 118,673 މަސްދަޅު ކޭސް ބަހައި ނިންމުމަކީ އަމާޒެކެވެ. މީލާދީ ކަލަންޑަރުގައިވާ ގޮތުން މިއަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަހަކީ މި މަހުގެ 18 ވަނަ ދުވަހެވެ.



