ދިވެހިބަހުގެ އެކެޑަމީން އިންތިޒާމުކޮށްގެން އައްޑޫ ސިޓީ މަރަދޫގައި ޚާއްޞަ ފޮތް މައުރަޒެއް ފަށައިފިއެވެ. މި މައުރަޒު ރަސްމީކޮށް ހުޅުއްވައިދެއްވީ ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމެވެ.
މި މައުރަޒުގެ ތެރެއިން، އައްޑޫ ސިޓީގެ ހިރާ ސްކޫލުން ތައްޔާރުކޮށްފައިވާ “ބަސްވާރު” ވަޒީރު ވަނީ ނެރެދެއްވާފައެވެ. މިއީ ދިވެހި ބަހަށް ލޯބިކުރާ ފަރާތްތަކުގެ ބަސްކޮށާރު މުއްސަނދިކުރުމުގެ މަގުސަދުގައި ތައްޔާރުކޮށްފައިވާ އުފެއްދުމެކެވެ.
ވަޒީރު އާދަމް ނަޞީރު އައްޑޫ ސިޓީއަށް ކުރައްވަމުން ގެންދަވާ މި ދަތުރުފުޅަކީ މިއަހަރުގެ ޅެންވެރީންގެ ދުވަހުގެ ރަސްމީ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ. މިގޮތުން މިއަހަރުގެ ޅެންވެރީންގެ ދުވަހުގެ ޖަލްސާ ތަޚްޞީޞްކުރެވުނު އައްޑޫ ސިޓީ ހިތަދޫ ކެމީ، ޙަސަން ލަބީބާއި ވަޒީރު ވަނީ ބައްދަލުކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި ޙަސަން ލަބީބުގެ އަދަބީ ޖަމުޢިއްޔާ ކަމަށްވާ “ޝާއިރުންގެ ވާދީ” ގެ ބޭފުޅުންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ޅެންވެރިކަމުގެ ފަންނު ކުރިއެރުވުމަށްޓަކައި “ޅެންވެރީންގެ ގުންޒަރު” ގެ ނަމުގައި ޚާއްޞަ ހަރަކާތެއްވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ. އައްޑޫ ސިޓީގެ ޅެންވެރީންނާއި އާންމު ރައްޔިތުންނަށް އަމާޒުކޮށްގެން ބޭއްވި މި ހަރަކާތުގައި ޅެމާއި ބަނދި ފަދަ އަދަބީ އެކި އައިޓަމްތައް ހުށަހަޅައިދީފައިވެއެވެ. މިފަދަ ހަރަކާތްތަކަކީ ދިވެހި އަދަބިއްޔާތާއި ބަސް ކުރިއެރުވުމަށް ކުރެވޭ މުހިންމު މަސައްކަތްތަކެއްގެ ގޮތުގައި ސަރުކާރުން ފާހަގަކުރެއެވެ.
މިއަހަރުގެ ޅެންވެރީންގެ ދުވަހުގެ ރަސްމީ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ މިރޭ 20:30 ގައި އައްޑޫ ސިޓީ ހިތަދޫގައެވެ. މި ޖަލްސާގައި ދިވެހި އަދަބިއްޔާތާއި ޅެންވެރިކަމުގެ ދާއިރާއިން ފާހަގަކޮށްލެވޭ ފަރާތްތަކުގެ އަގުވަޒަންކުރުމާއި، ބަހުގެ ކުރިއެރުމަށް ކުރެވޭ މަސައްކަތްތަކާ ގުޅޭގޮތުން މަޢުލޫމާތު ހިއްސާކުރުމަށް ވަނީ ހަމަޖެހިފައެވެ.



