ކުޑަކުއްޖަކު ގްރޫމްކޮށް، އެކްސްޕްލޮއިޓްކޮށް އެ ކުއްޖާއަށް ޖިންސީގޯނާކުރި ކަމުގެ ތުހުމަތުގައި އަންހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. މި މައްސަލައިގައި ފުލުހުން ހައްޔަރުކޮށްފައިވަނީ 35 އަހަރުގެ ފާޠިމަތު ރީމާ ނަމަކަށް ކިޔާ މީހެކެވެ.
ފުލުހުން ހާމަކޮށްފައިވާ ގޮތުގައި، މި މީހާ ހައްޔަރުކޮށްފައިވަނީ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަނާއި ކްރައިމް އިންޓެލިޖެންސް ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަނެއްގެ ތެރެއިން މިދިޔަ މަހުގެ 29 ވަނަ ދުވަހުއެވެ. މި މައްސަލައިގައި އަނިޔާ ލިބިފައިވަނީ 15 އަހަރުގެ ފިރިހެން ކުއްޖަކަށް ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
ކުޑަކުދިން ގްރޫމްކޮށްގެންނާއި، އެކުދިންގެ މަޖުބޫރުކަމުގެ ނާޖާއިޒު ފައިދާ ނަގައިގެން މަސްތުވާތަކެއްޗާއި، ގޭންގު ކުށްތަކުގެ އިތުރުން ޖިންސީ ގޯނާގެ އަމަލުތަކުގައި ކުޑަކުދިން ބައިވެރިކުރުވާ ފަރާތްތަކާ މެދު ދިވެހި ފުލުހުންގެ ހިދުމަތުން ދަނީ ހާއްސަ އިސްކަމެއް ދީގެން ފިޔަވަޅުތައް އަޅަމުންނެވެ. މިފަދަ އަމަލުތައް ހިންގާ ފަރާތްތައް ދެނެގަނެ، ގާނޫނީ ގޮތުން ދެވެން އޮތް އެންމެ ހަރުކަށި އަދަބު ދިނުމަށް ކުރަންޖެހޭ މަސައްކަތްތައް ކަމާގުޅުންހުރި އިދާރާތަކާ ގުޅިގެން ކުރިއަށް ގެންދާނެ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.
ފާޠިމަތު ރީމާގެ މައްޗަށް ކުރެވޭ މި ސީރިއަސް ތުހުމަތުތަކާ ގުޅިގެން ފުލުހުން މިހާރު ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.



