ހުޅުމާލޭ ސަހަރާ ކައިރީގައި އޮތް ޕިކަޕެއްގެ ދަށުގައި މަސައްކަތް ކުރަން އޮއްވާ، އެ ޕިކަޕް ގައިމައްޗަށް ވެއްޓި ހިނގި ހާދިސާއެއްގައި ދިވެހި ފިރިހެނަކު ނިޔާވެއްޖެއެވެ. މި ހާދިސާ ހިނގާފައިވަނީ އިއްޔެ ހެނދުނު 11:00 ހާއިރު ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި ގޮތުގައި، މި ހާދިސާގައި ނިޔާވެފައިވަނީ އުމުރުން 60 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ ނިޔާވީ ޕިކަޕްގެ މަރާމާތު މަސައްކަތެއް ކުރުމަށް އޭގެ ދަށުގައި އޮއްވާ، ކުއްލިއަކަށް ޕިކަޕް ގައިމައްޗަށް ވެއްޓުމުގެ ސަބަބުންނެވެ.
“އެ މީހާ ނިޔާވެފައިވާ ކަމަށް ހުޅުމާލެ ހޮސްޕިޓަލުން މައުލޫމާތު ދީފައިވޭ،” އޮފިޝަލް ވިދާޅުވިއެވެ.
މި ހާދިސާގައި ނިޔާވެފައިވަނީ ސ. ހިތަދޫ، މެޑޯޒް، މުހައްމަދު މަނިކެވެ. ކަށުނަމާދު ޕޭޖުން މައުލޫމާތު ލިބޭ ގޮތުގައި އޭނާގެ ކަށުނަމާދު ބާއްވާފައިވަނީ ރޭގެ އިޝާނަމާދަށް ފަހުގައެވެ. މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ އިތުރު ކަންކަން ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.



