ދެ އިންތިހާބު އެއްކޮށްލުމަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓު ނަގަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވާންޖެހޭ ތައްޔާރީތައް ފަށާފައިވާކަން އެ ކޮމިޝަނުން އިއުލާންކޮށްފި އެވެ. މި ވޯޓު ނެގުމަށް ހަމަޖެހިފައިވަނީ އަންނަ އެޕްރީލް މަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް ތާވަލުކޮށްފައިވާ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބާ އެކުގަ އެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނި ގޮތުގައި، ފެންނަ ނުފެންނަ ވޯޓުގެ ކަންކަން ކުރިއަށްދާނީ އެ ދުވަހު ބާއްވާ އެހެން އިންތިހާބުތަކާ ގުޅުވައިގެންނެވެ. އެގޮތުން ވޯޓު ގުނަން ފަށާނީ އިންތިހާބުތަކުގެ ވޯޓުލުން ނިމޭތާ 30 މިނެޓުގެ ހުސްވަގުތުކޮޅަކަށް ފަހުގަ އެވެ. އަދި މި ވޯޓުގެ ރަސްމީ ނަތީޖާ އިއުލާން ކުރުމަށް ހަމަޖެހިފައިވަނީ އެޕްރީލް މަހުގެ 11 ވަނަ ދުވަހު ކަމަށްވެސް އެ ކޮމިޝަނުން މައުލޫމާތު ދެއެވެ.
މި ވޯޓާ ގުޅިގެން، ރަޖިސްޓަރީވެފައިވާ ތަން ނޫން އެހެން ތަނަކަށް ވޯޓުލާން ބޭނުންވާ ފަރާތްތަކަށް ރީ-ރަޖިސްޓަރީވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފަ އެވެ. މި ފުރުސަތު މިއަދުން ފެށިގެން މި މަހުގެ 22 ވަނަ ދުވަހުގެ މެންދުރުފަހު 3:00 އާ ހަމައަށް ކުރިއަށްދާނެ އެވެ. ރީ-ރަޖިސްޓަރީވާން ބޭނުންވާ ފަރާތްތަކުން އީސީގެ ‘ރީ-ރަޖިސްޓްރޭޝަން ޕޯޓަލް’ ނުވަތަ ‘މައި ޕޯޓަލް’ މެދުވެރިކޮށް އެކަމަށް އެދި ހުށަހެޅޭނެ އެވެ.
ވޯޓުލުމަށް މިހާރު ރަޖިސްޓަރީވެފައިވާ ތަނުގެ މައުލޫމާތު ސާފުކުރުމަށްޓަކައި 1414 އަށް އެސްއެމްއެސް ކުރުމުގެ އިންތިޒާމުވެސް ވަނީ ހަމަޖައްސައިފަ އެވެ. އެގޮތުން ވީއާރް (ސްޕޭސް) އައިޑީ ކާޑު ނަންބަރު ޖެއްސެވުމަށްފަހު މެސެޖު ކުރުމުން، އެ މީހަކު ރަޖިސްޓަރީވެފައިވާ ތަނުގެ ތަފްސީލު ލިބޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފައިވެ އެވެ.



