32 އަހަރުގެ ހިދުމަތަށް ފަހު ޕޮލިސް ކޮމިޝަނަރުގެ މަގާމުގައި ހުންނެވި އިސްމާއިލް ނަވީން ޝަރަފުވެރިކަމާއެކު ފުލުހުންގެ ހިދުމަތުން ވަކިވެވަޑައިގެންފިއެވެ.
ނަވީސް ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ފެބްރިއަރީ 18 ވަނަ ދުވަހަކީ ގާތްގަނޑަކަށް 32 އަހަރުގެ ޔުނީފޯމްއެޅި ހިދުމަތަށްފަހު، ރިޓަޔަރކުރިތާ ފުރަތަމަ ދުވަސް ކަމަށެވެ. ނަވީން ވިދާޅުވީ ފުލުހުންގެ ހިދުމަތުން ވަކިވެގެން މިދަނީ އެމަސައްކަތާއި ގުޅުނުއިރުވެސް ހިތުގައި އޮތް ފަދަ މާތް ސިފަތަކާއި ޖޯޝާ އެކުގައި ކަމަށެވެ. އެއީ ޔުނީފޯމަށް އޮތް އިހުތިރާމާއި، މުއައްސަސާއަށް އޮތް އިތުބާރާއި، އަދި ގައުމަށް އޮތް ލޯތްބާ އެކުގައި ކަމަށް ނަވީން ވިދާޅުވެފައިވެއެވެ. ނަވީން ފުލުހުންގެ ހިދުމަތާއި ގުޅިވަޑައިގެންނެވީ 7 ޖުލައި 1994ގައެވެ.
ދިވެހި ފުލުހުންގެ ހިދުމަތުން ވިދާޅޫވީ، ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން، 2026 ފެބްރުވަރީ 18 ވަނަ ދުވަހުން ފެށިގެން ފުލުހުންގެ ވަޒީފާއިން ޝަރަފުވެރިކަމާއެކު ރިޓަޔަރކުރައްވާފައިވާތީ، ދިވެހި ފުލުހުންގެ ޚިދުމަތުގެ ޤާނޫނުގެ 58 ވަނަ މާއްދާގެ (ނ) ގައިވާ ގޮތުގެމަތިން 2026 ފެބްރުވަރީ 18 ވަނަ ދުވަހުން ފެށިގެން ދިވެހި ފުލުހުންގެ ޚިދުމަތް ވަގުތީގޮތުން ހިންގަވާނީ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީ ކަމުގައި މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ އަލީ އިޙްސާން ވަނީ ކަނޑައަޅުއްވާފައި ކަމަށެވެ.



