ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ފަރާތުން މާފަންނު އުތުރު ދާއިރާއަށް ވާދަކުރާ ކެންޑިޑޭޓުންގެ ކެމްޕެއިން ޖަގަހަ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ރޭ ހުޅުވައިދެއްވައިފިއެވެ.
މި ޖަގަހަ ހުޅުވުމަށް ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި އެ ދާއިރާގެ ކައުންސިލް ގޮނޑިއަށް ވާދަކުރައްވާ ކެންޑިޑޭޓާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުކަމަށް ކުރިމަތިލައްވާ ކެންޑިޑޭޓް ވަނީ ބައިވެރިވެވަޑައިގެންފައެވެ. ޖަގަހަ ހުޅުވައިދެއްވައި ކެމްޕެއިން ހަރަކާތްތަކުގައި ފަސްޓްލޭޑީ ބައިވެރިވެވަޑައިގަންނަވާތީ ކެންޑިޑޭޓުން ވަނީ އެކަމަށް ޝުކުރު އަދާކުރައްވާފައެވެ.
މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރާއި އިޤްތިސާދީ ތަރައްޤީއާ ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވަނީ ކޮންގްރެސްގެ ކެންޑިޑޭޓުންނަށް ވޯޓު ދެއްވުމަށް ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފައެވެ. ވަޒީރުން ފާހަގަކުރެއްވި ގޮތުގައި ސަރުކާރުގެ ކެންޑިޑޭޓުން ނިކުމެ ތިބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ތަރައްޤީގެ ތަސައްވުރު ހަޤީޤަތަކަށް ހެދުމުގެ އިޚްލާސްތެރި ނިޔަތާ އެކުގައެވެ.
ވަޒީރުންގެ ވާހަކަފުޅުގައި އިދިކޮޅު ފަރާތްތަކަށް ފާޑުވިދާޅުވަމުން ވިދާޅުވީ، ވާދަވެރިންގެ ފަރާތުން ފެންނަނީ އެޖެންޑާއެއް ނެތް މަސައްކަތްތަކެއް ކަމަށާއި، ނަމަވެސް ކޮންގްރެސްގެ ކެންޑިޑޭޓުން ތިބީ ސާފު ތަސައްވުރަކާ އެކުގައެވެ. އަދި ރައީސް މުޢިއްޒުގެ މަޝްރޫޢުތައް ބާރުމިނުގައި ކުރިއަށް ގެންދިއުމަށްޓަކައި ސަރުކާރަށް އެއްބާރުލުންދޭނެ ކައުންސިލްތަކެއް އޮތުމަކީ ނުހަނު މުހިންމު ކަމެއްގެ ގޮތުގައި ދެ ވަޒީރުންވެސް ފާހަގަކުރެއްވިއެވެ.
އަންނަ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ކައުންސިލް އިންތިޚާބަށް އެންމެ ގިނަ ކެންޑިޑޭޓުން ނެރެފައިވަނީ ކޮންގްރެސް ޕާޓީންނެވެ.. .



