ސައުދީ އަރަބިއްޔާގެ އިސްލާމިކް މިނިސްޓްރީގެ ފަރާތުން ދިވެހިރާއްޖޭގެ އިސްލާމިކް މިނިސްޓްރީއަށް 15 ޓަނުގެ ކަދުރު ރަސްމީކޮށް ހަދިޔާކޮށްފިއެވެ. އިސްލާމީ މަރުކަޒުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި، ސައުދީ ސަރުކާރުގެ ފަރާތުން މި ކަދުރުތައް ހަވާލުކޮށްދެއްވީ އެ ގައުމުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޔަހްޔާ ހަސަން އަލްގަހްތާނީއެވެ. ދިވެހި ސަރުކާރުގެ ފަރާތުން މި ތަކެއްޗާ ހަވާލުވެވަޑައިގަތީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ޝަހީމް ވަނީ ސައުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒާއި ވަލީއަހުދު މުހައްމަދު ބިން ސަލްމާންގެ އިތުރުން އެ ގައުމުގެ ސަރުކާރުން ރާއްޖެއާ މެދު ބަހައްޓަވާ ގާތްކަމަށްޓަކައި އިހުލާސްތެރި ޝުކުރެއް އަދާކުރައްވާފައެވެ. އަދި ސައުދީގެ އިސްލާމިކް މިނިސްޓަރު ޝައިހް ޑރ. އަބްދުލްލަތީފް ބިން އަބްދުލްއަޒީޒް އާލްޝައިހް ކުރައްވާ މުހިންމު މަސައްކަތްޕުޅުތަކަށް މިނިސްޓަރު ޝަހީމް ވަނީ ތައުރީފު ކުރައްވާފައެވެ.
މީގެ އިތުރުން، ރާއްޖޭގައި ހުންނަ ސައުދީ އެމްބަސީން ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށް ކުރަމުންދާ މަސައްކަތްތައް ވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ. މިނިސްޓަރު ވިދާޅުވީ ސައުދީ ސަރުކާރުން އަބަދުވެސް ރާއްޖެއަށް އެކި ދާއިރާތަކުން އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށާއި، މިއަދު ހަދިޔާކުރި ކަދުރަކީ ވެސް އެ ގާތް ގުޅުމުގެ ރަމްޒެއް ކަމަށެވެ.
ސައުދީ އަރަބިއްޔާ އިން މި އަހަރުގެ ތެރޭގައި ޖުމްލަ 50 ޓަނުގެ ކަދުރު ދިވެހިންނަށް ހަދިޔާކުރުމަށް ވަނީ ނިންމާފައެވެ. އިސްލާމިކް މިނިސްޓްރީން ބުނި ގޮތުގައި، ބާކީ ހުރި ކަދުރުތައް ރާއްޖެއަށް ގެނައުމުގެ މަސައްކަތް ދެ ގައުމުގެ ކަމާބެހޭ އިދާރާތައް ގުޅިގެން މިހާރު ދަނީ ކުރަމުންނެވެ.



