ފަލަސްތީނުގެ ރައްޔިތުން އެމީހުންގެ އަމިއްލަ ބިމުން ބޭރުކޮށްލުމަށް ކުރާ އެއްވެސް މަސައްކަތަކަށް ތާއީދު ނުކުރައްވާނެ ކަމަށާއި، އެފަދަ ކަންކަން ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާ ކަމަށް މިސްރުގެ ރައީސް އަބްދުލް ފައްތާހް އަލް ސީސީ އާއި ސައުދީ އަރަބިއްޔާގެ ވަލީއަހުދު އަދި ބޮޑުވަޒީރު މުހައްމަދު ބިން ސަލްމާން އަލުން ވިދާޅުވެއްޖެއެވެ.
މިދިޔަ ހޯމަ ދުވަހު ޖިއްދާގައި ބޭއްވި ބައްދަލުވުމެއްގައި ދެ ގައުމުގެ ލީޑަރުން ވަނީ ފަލަސްތީނުގެ މައްސަލައާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރައްވާފައެވެ. މި ބައްދަލުވުމުގައި ދެ ބޭފުޅުންވެސް ބާރުއެޅުއްވީ ފަލަސްތީނުގެ މައްސަލައަށް އޮތް ހަމައެކަނި ހައްލަކީ ދެ ދައުލަތް ގާއިމުކުރުމުގެ ސިޔާސަތުގެ ދަށުން ފުރިހަމަ ސިޔާސީ ހައްލެއް ހޯދުން ކަމަށެވެ.
މިސްރުގެ ރިޔާސީ ގަނޑުވަރުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ސިއްރުކޮށް ކުރިއަށްދިޔަ މި ބައްދަލުވުމުގައި ސަރަހައްދީ އަދި ބައިނަލްއަގުވާމީ މުހިންމު މައްސަލަތަކާ ގުޅޭގޮތުން ދެ ބޭފުޅުން ވާހަކަދެއްކެވި ކަމަށެވެ. އަދި ސަރަހައްދީ ހަމަނުޖެހުންތަކާއި ނުތަނަވަސްކަން ކުޑަކުރުމުގެ މުހިންމުކަމާއި، މަޝްވަރާގެ މަތިން މައްސަލަތަކަށް ސުލްހަވެރި ހައްލެއް ހޯދުމަށް ދެ ގައުމުންވެސް އެއްބަސްވެފައިވާ ކަމަށް އެ ބަޔާނުގައިވެއެވެ.
މީގެ އިތުރުން، އަރަބި ގައުމުތަކުގެ މެދުގައި އޮންނަ އެއްބައިވަންތަކަން ވަރުގަދަކުރުމަށާއި، ގައުމުތަކުގެ މިނިވަންކަމާއި އިސްތިގުލާލަށް އިހުތިރާމްކުރުމުގެ މުހިންމުކަން ދެ ލީޑަރުން ފާހަގަކުރެއްވިއެވެ. އަދި އެއްވެސް ގައުމެއްގެ ދާޚިލީ ކަންކަމުގެ ތެރެއަށް ނުފޫޒު ފޯރުވުމާ ދެކޮޅުކަންވެސް ވަނީ ހާމަކުރައްވާފައެވެ.
ބައްދަލުވުން ނިންމަވާލައްވަމުން، ސަރަހައްދީ ހަމަޖެހުން ގާއިމުކުރުމަށްޓަކައި މިސްރާއި ސައުދީ އަރަބިއްޔާއާ ދެމެދު އޮންނަ ސިޔާސީ ގުޅުން އިތުރަށް ބަދަހިކޮށް، ކަންކަމުގައި ދުރާލާ މަޝްވަރާކޮށް ކޯޑިނޭޓް ކުރުމަށް ދެ ގައުމުން ވަނީ އެއްބަސްވެފައެވެ.



