ކީރިތި ގުރްއާން ހިތުދަސްކޮށްގެން ރައީސުލްޖުމްހޫރިއްޔާގެ މެޑެއްޔާއި އިނާމު މިއަހަރު 50 ހާފިޒުންނަށް ލިބޭނެ ކަމަށް ރައީސް އޮފީހުން ހާމަކޮށްފިއެވެ.
ކީރިތި ޤުރްއާން ހިތުދަސްކުރި ޙާފިޒުންނަށް، ރައީސުލްޖުމްހޫރިއްޔާ ދެއްވާ މެޑެއްޔާއި އިނާމު ދިނުން، އޮންނާނީ އަންނަ އާދިއްތަ ދުވަހުގެ ރޭ ބާއްވާ ޙާފިޒުންގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައެވެ. އެ ރަސްމިއްޔާތުގައި ކީރިތި ޤުރްއާން ހިތުދަސްކޮށްގެން ރައީސުލްޖުމްހޫރިއްޔާގެ މެޑެއްޔާއި އިނާމު މިއަހަރު 50 ޙާފިޡުންނަށް ލިބޭނެއެވެ.
މި އަހަރަކީ ރާއްޖޭގައި އެންމެ ގިނަ އަދަދަކަށް ހާފިޒުން ދަސްވެނިވާނެ އަހަރެވެ. އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ރޭ ވިދާޅުވީ މި އަހަރަކީ ތާރީހީގޮތުން އެންމެ ގިނަ އަދަދަކަށް ގުރުއާން ހިތުދަސް ފަރާތްތައް ދަސްވެނިވާ އަހަރު ކަމަށެވެ.
ކީރިތި ޤުރްއާން ހިތުދަސްކުރި ޙާފިޡުންނަށް އެންމެ ފަހުން ރައީސުލްޖުމްހޫރިއްޔާ މެޑެއްޔާއި އިނާމު ދެއްވައިފައިވަނީ، ރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި 1446 ވަނަ އަހަރުގެ ރަބީޢުލްއާޚިރު މަހުގެ 2 ވަނަ ދުވަހު ބޭއްވެވި ރަސްމީ ޖަލްސާގައެވެ. އެ އަހަރު 28 ޙާފިޡަކަށް ރައީސުލްޖުމްހޫރިއްޔާގެ މެޑެއްޔާއި އިނާމު ލިބިފައިވެއެވެ.



