ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ކުޅުދުއްފުށި ސިޓީއަށް ވާދަކުރައްވާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ކެންޑިޑޭޓުންގެ މާލޭ ކެމްޕެއިން އޮފީސް، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދު ރޭ ހުޅުވައިދެއްވައިފިއެވެ. މާލޭގައި ބޭއްވި މި ރަސްމިއްޔާތުގައި އެ ކަމަނާގެ އިތުރުން ކޮންގްރެސް ޕާޓީގެ އިސްވެރިންނާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، ކުޅުދުއްފުށި ސިޓީގެ މޭޔަރުކަމަށާއި ކައުންސިލް ގޮނޑިތަކަށް ވާދަކުރައްވާ ކެންޑިޑޭޓުން ބައިވެރިވެވަޑައިގެންނެވިއެވެ.
އަންނަ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މި އިންތިޚާބަށް ތައްޔާރުވުމުގެ ގޮތުން ސަރުކާރު ހިންގާ ޕީއެންސީން ދަނީ މާލެއާއި އަތޮޅުތެރޭގެ ރަށްތަކުގައި ވަރަށް ފޯރިއާއެކު ކެމްޕެއިން ހަރަކާތްތައް ހިންގަމުންނެވެ. އެގޮތުން އެކި ދާއިރާތަކަށް ޚާއްސަކޮށްގެން ޖަގަހަތަކާއި އޮފީސްތައް ގާއިމުކޮށް، ރައްޔިތުންނާ ގާތުން މައުލޫމާތު ހިއްސާކުރުމުގެ މަސައްކަތްތައް އެ ޕާޓީން ވަނީ ހަލުވިކޮށްފައެވެ.
މި ކެމްޕެއިން ހަރަކާތްތަކުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުވެސް އަމަލީގޮތުން ބައިވެރިވެވަޑައިގަންނަވާކަން ފާހަގަކޮށްލެވެއެވެ. ރައީސް ގެންދަވަނީ މާލޭގެ އެކި ދާއިރާތަކަށް ޒިޔާރަތްކުރައްވައި، “ދޮރުން ދޮރަށް” ހަރަކާތުގެ ތެރެއިން ރައްޔިތުންނާ ބައްދަލުކުރައްވައި އެމީހުންގެ ހާލަތާއި ބޭނުންތައް އޮޅުންފިލުއްވަމުންނެވެ.
ލޯކަލް ކައުންސިލް އިންތިޚާބުގެ ތާރީޚަށް ބަލާއިރު، މިއީ އެއް ޕާޓީއަކުން އެންމެ ގިނަ ކެންޑިޑޭޓުން ކުރިމަތިލީ ފަހަރެވެ. ޕީއެންސީގެ ޓިކެޓުގައި މިފަހަރުގެ އިންތިޚާބުގައި 1،300 އަށްވުރެ ގިނަ ކެންޑިޑޭޓުން ވާދަކުރެއެވެ. .



