ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ މާކެޓުގައި ޗައިނާގެ ހިއްސާ ބޮޑުތަނުން އިތުރުވެ، އެ ގައުމަކީ މިހާރު ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ ގައުމުގެ މަގާމު ދަމަހައްޓައިފިއެވެ.
ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މި މަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް ޗައިނާއިން 72,212 ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 27 އިންސައްތައިގެ ބޮޑު ކުރިއެރުމެކެވެ.
މި އަހަރުގެ ފުރަތަމަ ތިން ހަފުތާގައި ޗައިނާ މާކެޓު ކޮންމެސް ވަރަކަށް މަޑުޖެހި، ލިސްޓުގެ ހަވަނައަށް ވެއްޓުނު ނަމަވެސް، މި މަހުގެ ހަތްވަނަ ދުވަހުން ފެށިގެން އެ ގައުމުން ވަނީ އަލުން އެއްވަނަ މަގާމު ހޯދާފައެވެ. މިހާރު ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ގައުމުތަކުގެ ލިސްޓުގެ ދެވަނައިގައި 49,744 ފަތުރުވެރިންނާއެކު ރަޝިއާ އޮތްއިރު، ތިންވަނައިގައި އޮތީ 43,497 ފަތުރުވެރިން ޒިޔާރަތްކުރި އިޓަލީވިލާތެވެ.
ޖުމްލަ ގޮތެއްގައި ރާއްޖޭގެ ފަތުރުވެރިކަމަށް ބަލާއިރު، އަހަރުގެ މިހާތަނަށް 444,403 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 9.5 އިންސައްތައިގެ އިތުރުވުމެކެވެ. ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިހާރު އެވްރެޖްކޮށް ދުވާލަކު 8,080 ފަތުރުވެރިން ރާއްޖެއަށް އަންނައިރު، މި މަހުގެ 14 ވަނަ ދުވަހު ވަނީ ރެކޯޑު އަދަދެއް ކަމަށްވާ 11,136 ފަތުރުވެރިން އެއް ދުވަހާ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ.
މިދިޔަ އަހަރު ރާއްޖެއަށް 2.2 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށް ރެކޯޑު ގާއިމުކޮށްފައިވާއިރު، ސަރުކާރުގެ އަމާޒަކީ މި އަހަރު ނިމޭއިރު 2.5 މިލިއަން ފަތުރުވެރިން ރާއްޖެއަށް ގެނައުމެވެ.



