ދިވެހި ވަތަނީ ހިދުމަތް ނުވަތަ މޯލްޑިވްސް ނޭޝަނަލް ސާވިސް (އެމްއެންއެސް) ޕްރޮގްރާމްގެ ތިންވަނަ ބުރުގެ ތަމްރީނުތަކުގައި ބައިވެރިވުމުގެ ފުރުސަތު ޑިފެންސް މިނިސްޓްރީން މިއަދު ހުޅުވާލައިފި އެވެ.
މި ތަމްރީނު ޕްރޮގްރާމްގައި ބައިވެރިވާން އެދޭ ޒުވާނުންނަށް އަންނަ މަހުގެ ފަސްވަނަ ދުވަހުގެ މެންދުރުފަހު 2:00ގެ ނިޔަލަށް ފޯމު ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ. މި ތަމްރީނުތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ޅ. މާފިލާފުށީގައި ހުންނަ އެމްއެންޑީއެފް ކޮމްޕޮސިޓް ޓްރެއިނިންގ ސެންޓަރުގަ އެވެ.
މި ޕްރޮގްރާމްގައި ބައިވެރިވެވެނީ އުމުރުން 16 އަހަރާއި 28 އަހަރާ ދެމެދުގެ ޒުވާނުންނަށެވެ. ޑިފެންސް މިނިސްޓްރީން ބުނި ގޮތުގައި އުމުރުން 18 އަހަރު ނުފުރޭ ކުދިން މި ތަމްރީނުގައި ބައިވެރިވާ ނަމަ، އެ ކުއްޖެއްގެ ޝަރުއީ ބަލަދުވެރިޔާގެ އިއުތިރާޒެއް ނެތްކަމުގެ ލިޔުން ހުށަހަޅަން ޖެހޭނެ އެވެ. ތިން މަސް ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ތިންވަނަ ބެޗުގެ ތަމްރީނުތައް ފެށުމަށް ތާވަލުކޮށްފައިވަނީ އަންނަ މެއި މަހުގެ ފަހު ހަފުތާގަ އެވެ.
މޯލްޑިވްސް ނޭޝަނަލް ސާވިސްއަކީ ހަރުދަނާ ޒުވާން ޖީލެއް ބިނާކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިސްނެންގެވުމުގެ މަތިން ފެއްޓެވި މުހިންމު މަޝްރޫއެކެވެ. މި ހިދުމަތުގެ މައިގަނޑު މަގްސަދުތަކުގެ ތެރޭގައި ޒުވާނުންގެ މެދުގައި ގައުމިއްޔަތުގެ ރޫހާއި އިސްލާމްދީނަށް އޮންނަ ލޯބި އިތުރުކުރުމާއި، ގައުމަށް ދިމާވާ ކާރިސާތަކުގައި އިސްސަފުގައި މަސައްކަތްކުރާނެ އަހުލާގު ރަނގަޅު، ޒިންމާދާރު ބަޔަކު އުފެއްދުން ހިމެނެ އެވެ.
މި ތަމްރީނު ފުރިހަމަކުރާ ދަރިވަރުންނަށް އެކި ދާއިރާތަކުން ސެޓްފިކެޓްތައް ލިބިގެންދާނެ އެވެ. އޭގެ ތެރޭގައި ސިވިލް އެޑިއުކޭޝަން އެންޑް ލީޑަޝިޕް، ކޮމިއުނިޓީ ވޮލަންޓިއާ، ފަޔާ ފައިޓާ އަދި ބޭސިކް ފަސްޓް އެއިޑްގެ ދާއިރާއިން ލެވެލް 3 ގެ ސެޓްފިކެޓްތައް ހިމެނެ އެވެ. މީގެ އިތުރުން އެޑިއުކޭޝަން ޓްރެއިނިން ޕްރޮގްރާމް ފުރިހަމަކުރުމުގެ ސެޓްފިކެޓް ވެސް ބައިވެރިންނަށް އެރުވުމަށް ވަނީ ހަމަޖެހިފަ އެވެ.



