ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީގެ އިންތިޚާބުގައި ތާޢީދު ކުރައްވަނީ ހަމައެކަނި ޕީޕަލަސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ކެންޑިޑޭޓުންނަށް ކަަމަށް އެ ޕާޓީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު އޮތް ހުޅުމާލެ ދެކުނު ދާއިރާގެ ދޮރުން ދޮރަށް ހަރަކާތް ނިންމަވާލައްވަމުން މީޑިއާ އަށް ދެއްވި ބަސްދީގަތުމެއްގަ އެވެ. ރައީސް ވަނީ މާލޭގެ ހުރިހާ ދާއިރާއެއްގައި ދޮރުން ދޮރަށް ހިންގަވާފަ އެވެ. އަދި ވިލިމާލޭގައި ވެސް ވަނީ ދޮރުން ދޮރަށް ހިންގަވާފަ އެވެ. މިއަދު ވަނީ ހުޅުމާލޭގެ އެކި ދާއިރާތަކުގައި ދޮރުން ދޮރަށް ހަރަކާތް ފައްޓަވާފަ އެވެ.
ރައީސް ވިދާޅުވީ ދޮރުން ދޮރަށް ހަރަކާތަށް ފަހު މިހާތަނަށް މީޑިއާތަކަށް އެއްޗެއް ވިދާޅުނުވާ ކަމަށާ ނަމަވެސް ހުޅުމާލެ ދެކުނު ދާއިރާ އިން ކަމެއް ފާހަގަވުމުން ރައްޔިތުންނަށް ސާފުކޮށް ދެއްވަން ބޭނުންފުޅުވީ ކަމަށެވެ. ރައީސް ވިދާޅުވީ އެމަނިކުފާނު ޒިޔާރަތް ކުރެއްވި ގޭގެއިން އެ ދާއިރާގައި އެމަނިކުފާނުގެ ތާޢީދު އޮތީ އެމްޑީޕީގެ ކެންޑިޑޭޓަށް ކަަމަށް އެ ކެންޑިޑޭޓު ބުނެފައިވާތީ އެކަން ސާފުކޮށްދޭން ރައްޔިތުން އެދިފައިވާ ކަމަށެވެ.
ރައީސް ވިދާޅުވީ ކުރިއަށް އޮތް އިންތިޚާބުގައި އެމަނިކުފާނު ހަމައެކަނި ތާޢީދު ކުރައްވާނީ ޕީއެންސީގެ ކެންޑިޑޭޓުންނަށް ކަމަށެވެ. އަދި އެމްޑީޕީގެ ކެންޑިޑޭޓަކަށް ނުވަތަ އެހެން ޕާޓީއެއްގެ އެއްވެސް ކެންޑިޑޭޓަކަށް ތާޢީދު ނުކުރާ ކަމަށެވެ. އެމަނިކުފާނަކީ ޕާޓީގެ ނިޒާމު ޤަބޫލުކުރާ ބޭފުޅެއް ކަމަށާ އެެހެން ކަމުން އެފަދަ ދޮގު ވާހަކަތައް އެއްވެސް ރައްޔިތަކު ޤަބޫލުނުކުރެއްވުމަށް ރައީސް އެދިވަޑައިގަތެވެ.



