އިޒްރޭލާއި އެމެރިކާއިން އިސްވެ އީރާނާ ދެކޮޅަށް މިހާރު ފަށާފައިވާ ހަނގުރާމާގައި އެއްވެސް ޤައުމަކަށް ހަމަލާދިނުމަށް ރާއްޖޭގެ ވައިގެ ސަރަހައްދު ބޭނުން ނުކުރެވޭނެ ކަމަށް ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ވިދާޅުވެއްޖެ އެވެ.
ހަނގުރާމައާ ގުޅިގެން ދިވެހި ރައްޔިތުންނަށް ކުރިމަތިވެދާނެ ދަތިތައް ހައްލުކުރަން ފިޔަވަޅުތައް އެޅުމަށް ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ ވަޒީރުންގެ ޚާއްސަ ކޮމިޓީއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ހަލީލް ވިދާޅުވީ ރާއްޖޭގެ ވައިގެ ސަރަހައްދު ހަނގުރާމައަށް ބޭނުންކުރުމަށް އެދި ރިކުއެސްޓުތައް އަންނަ ކަމަށެވެ.
އެހެންނަމަވެސް މިނިސްޓަރ ހަލީލް ވިދާޅުވީ، އެއްވެސް ޤައުމަކަށް ހަމަލާދިނުމަށް ރާއްޖޭގެ ވައިގެ ސަރަހައްދު ބޭނުންކޮށްފައި ނުވާނޭ ކަމަށާއި އެކަމުގެ ހުއްދަ ދީފައިވެސް ނުވާނޭކަމަށެވެ.
“ރާއްޖޭގެ ވައިގެ ސަރަހައްދުން އެއްވެސް ގައުމަކަށް، އެއްވެސް ގައުމަކަށް ހަމަލާދިނުމަށް ބޭނުންކުރެވިފައި ނުވާނެ ކަން އަޅުގަނޑު ހަމަ ދަންނަވާލަން. އަދި އެފަދަ އަންނަ ރިކުއެސްޓުތައް ވެސް އަޅުގަނޑުމެން ރިޖެކްޓު ކުރަމުންދާ ކަން ތިބޭފުޅުންގެ މައުލޫމާތަށްޓަކާ ދަންނަވާލަން،” ހަލީލް ވިދާޅުވި އެވެ.
މިނިސްޓަރ ހަލީލް ވިދާޅުވީ ސަރުކާރުން މިވަގުތު އެންމެ އިސްކަމެއް ދެނީ ރާއްޖޭގެ އަމާންކަމާއި އިގްތިސޯދު ހިމާޔަތްކުރުމަށް ކަމަށެވެ.
ހަލީލް ވިދާޅުވި ގޮތުގައި ހަނގުރާމައިގެ މަސްރަހު ގޯސްވެފައިވާ ސަރަހައްދުތަކުގައި ދިރިއުޅޭ ދިވެހީންނަށް ހިމާޔަތް ދިނުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އޭގެތެރެއިން ބައެއް މީހުން މިހާރު ރައްކާތެރި ހިސާބުތަކަށް ދަތުރުކޮށްފައިވާކަން ވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.
އަދި މެދުއިރުމަތީގެ މަޝްރަހް ކުރިއަށްދާގޮތުން ރާއްޖޭގެ އިޤްތިސާދަށް ކުރަމުންދާ ނޭދެވޭ އަސަރުތައް ދިރާސާ ކުރަމުންދާކަމަށާއި، އެގޮތުން އެންމެ އިސްކަމެއް ދީގެ ކުރާ އެއް ކަމެއްގެ ގޮތުގައި ރާއްޖެއަށް އެއްވެސް ދަތިކަމެއް ނެތި ކާބޯތަކެތި ލިބޭނެ އިންތިޒާމްތައް ހަރުދަނާ ކުރަމުންދާކަން ހަމަޖައްސަމުންދާކަންމިނިސްޓަރ ފާހަގަކުރެއްވިއެވެ.



