މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ރިޒާވަށް އިތުރު 100 މިލިއަން ޑޮލަރު ހޯދުމަށް އިންޓަލެޓަރަލް ދެ އެޖެންސީއަކާ މަޝްވަރާ ކުރަމުން އަންނަ ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ.
މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ރާއްޖެއަށް ކުރާނެ އަސަރުތަކަށް ފިޔަވަޅު އެޅުމަށް އެކުލަވާލި ނުވަ މިނިސްޓަރުންގެ ކޮމިޓީން ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ޒަމީރު ވިދާޅުވީ ޒާވް ހުސްނުވެ، ދެމެހެއްޓުމަށްޓަކައި އެމްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރާ އެކު މަޝްވަރާކޮށްގެން ފިޔަވަޅުތަކެއް އަޅަމުން އަންނަ ކަމަށެވެ.
އެއް ކަމަކަށް ޒަމީރު ފާހަގަކުރެއްވީ، ރިޒާވަށް 100 މިލިއަން ޑޮލަރު ހޯދުމަށް އިންޓަނޭޝަނަލް މަލްޓިލެޓަރަލް ދެ އެޖެންސީއަކާ މަޝްވަރާކުރަމުން އަންނަ ކަމެވެ. މިނިސްޓަރު ވިދާޅުވީ، ތެލުގެ އަގު މަތިވާތީ އިތުރަށް ކުރަން ޖެހޭ ޚަރަދު ފޫބެއްދޭނީ އެ ފައިސާ ހޯދައިގެން ކަމަށެވެ. ނަމަވެސް، އެ ކަމާ ގުޅޭ އިތުރު ތަފުސީލެއް މިނިސްޓަރު ނުދެއްވައެވެ.
“އެމްއެމްއޭ ގަވަނާއާ އެކު އަޅުގަނޑުމެން ވަރަށް ކައިރިން މަސައްކަތް ކުރަމުން މި ގެންދަނީ ރިޒާވް އޮޕްޓިމަމް ލެވަލްއެއްގައި މެއިންޓެއިން ކުރުމަށް. ތެލުގެ އަގު ބޮޑުވީމަ އާއި ރެވެނިއު ލޮސް އުޅޭތީވެ، މި އަންނަ އިމްޕެކްޓް ރަނގަޅަށް ހިފެހެއްޓުމަށްޓަކާ އަޅުގަނޑުމެން ފިޔަވަޅުތަކެއް އެބަ އަޅަން،” ޒަމީރު ވިދާޅުވި އެވެ.
ޒަމީރު ވިދާޅުވީ ސަރުކާރުން ބޭރު ފައިސާއިން ކުރަން ޖެހޭ ހަރަދުތައް މަދުކުރުމަށާއި ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށް ވެސް ސަރުކާރުން މަސައްކަތް ކުރާނެ ކަމަށެވެ.



