ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްދުވަހެއްގައި ބޭއްވުމަށް ތާއީދު ކުރައްވާކަން ހާމަކުރައްވާ ކުރީގެ އެޓާނީ ޖެނެރަލް އަލްއުސްތާޛާ ފާތިމަތު ދިޔާނާ ސައީދު ވާހަކަދައްކަވައިފިއެވެ. ދިޔާނާ މިހެން ވިދާޅުވީ ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދު ދެއްކެވި ވާހަކަފުޅުތަކަކަށް ރައްދު ދެއްވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ދިޔާނާ ވިދާޅުވީ ސަރުކާރު ޖަވާބުދާރީ ކުރެވޭ ފަދަ ހަރުދަނާ މަޖިލީހެއް ލިބިގަތުމަކީ މިވަގުތު ގައުމަށް އެންމެ މުހިންމު މަސައްކަތް ކަމަށެވެ. އަދި ރާއްޖޭގައި މިހާރު އަމަލުކުރަމުންދާ، ދެ އިންތިހާބުގެ ދެމެދުގައި ހަ މަސް ދުވަސް އޮންނަ ނިޒާމަކީ ރާއްޖޭގެ ހާލަތަށް ބަލާއިރު ފެއިލްވެފައިވާ ނިޒާމެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
“މިހާރު އަމަލުކުރަމުން މިދާ، ދެ އިންތިހާބުގެ ދެމެދު ހަ މަސް އޮތް ސްޓެގަރޑް އިންތިހާބީ ނިޒާމުގެ ތެރެއިން ސަރުކާރު ޖަވާބުދާރީ ކުރެވޭނެ އެންމެ މަޖިލީހެއްވެސް ވޭތުވެދިޔަ 15 ވަރަކަށް އަހަރު ލިބިފައެއް ނުވޭ،” ދިޔާނާ ވިދާޅުވިއެވެ.
އިންތިހާބުތައް އެކުއެކީގައި ބޭއްވުމުގެ ފައިދާތަކަށް އަލިއަޅުއްވާލައްވަމުން ދިޔާނާ ވިދާޅުވީ، މީގެ ސަބަބުން އިންތިހާބުތަކަށް ހިނގާ އިދާރީ ހަރަދުތައް ކުޑަވެގެންދާނެ ކަމަށެވެ. އަދި ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ފުރުސަތުވެސް މި ބަދަލާއެކު ކުޑަވެގެންދާނެ ކަމަށް އޭނާ ދެކެވަޑައިގަންނަވައެވެ.
ދިޔާނާ މި މޭރުމުން ވާހަކަދެއްކެވީ، ދުސްތޫރީ އެހެން މައްސަލަތައް ބާއްވާފައި ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެކުގައި ބޭއްވުން އެކަނި އަވަސްކުރުމަށް ސަރުކާރުން ގެންގުޅޭ އެޖެންޑާ ސާފުކޮށްދޭން ޖެހޭނެ ކަމަށް ހުސްނުއްސުއޫދު ވިދާޅުވުމާ ގުޅިގެންނެވެ. ދިޔާނާ ވިދާޅުވީ ސުއޫދު ފާހަގަކުރެއްވި ކަންކަން ހާސިލްނުވެ އޮތް އެންމެ ބޮޑު ސަބަބަކީވެސް ހަރުދަނާ މަޖިލީހެއް ނެތުން ކަމަށެވެ.



