ކައުންސިލްތަކުގެ ބާރު ކަނޑުވާލުމަކީ މި ސަރުކާރުން ކުރާނޭކަމެއްނޫންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ އަންނަ ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕޭނަށް ޕީއެންސީން ބޭއްވި ސައިކަލު ބުރަށްފަހު ދެއްކެވި ވާހަކަފުޅުގަ އެވެ.
ރައީސް ވިދާޅުވީ ރަށްރަށާއި ސިޓީތަކަށް ބޭނުންވާ ތަރައްގީ ގެނައުމުގައި ކައުންސިލްތަކުގެ ދައުރު ބޮޑު ކަމަށެވެ.
ރައީސް ވިދާޅުވީ ރަށްރަށުގައި އަދި ސިޓީތަކުގައި ކުރަންހުރި ކޮންމެ ކަމަކީ، ލާމަރުކަޒީ އުސޫލުގެ ތެރެއިން ނިޒާމުގެ ތެރެއިން ކުރިއަށް ގެންދެވިއްޖެ ނަމަ، އޭގެ އެންމެ ހެވާއި ލާބަ ރައްޔިތުންނަށް ލިބޭނެ ކަންކަން ކަމަށާއި ކައުންސިލްތަކުގައި ސަރުކާރަށް މި ކަންކަމުގައި އެއްބާރުލުން ދޭނެ ބޭފުޅުން ތިބުން މުހިއްމު ވަނީ އެހެންވެގެން ކަމަށެވެ.
“އެ ނިޒާމްގެ ތެރެއިން އެ ސަޕޯޓް ދޭނީ، އެ ނިޒާމްގެ ތެރެއިން ސަޕޯޓް ދޭން އެއްބާރުލުން ދޭނެ ބަޔަކު އެތާ ތިބިއްްޔާ. އެހެންވީމަ ވަރަށް އިހުލާސްތެރިކަމާއި އެކީގައި ވަރަށް ހެޔޮ ނިޔަތުގައި ވަރަށް ޒިންމާދާރުކަމާއެކު އެ މަސައްކަތް ކުރަން ބޭނުންވާތީ އަޅުގަނޑު ރައްޔިތުންގެ ގާތުގައި މިކަމުގައި އެއްބާރުލުން ދެއްވުމަށް، މިކަމުގައި އަޅުގަނޑަށް އިތުބާރުކޮށް މާލެ އާއި ހުރިހާ ރަށްރަށާއި، ސިޓީތަކުގެ ކައުންސިލްތަކާއި ޑަބްލިއުޑީސީގެ ހުރިހާ ގޮނޑިތަކަށް އަޅުގަނޑުމެންގެ ކެންޑިޑޭޓުން ހޮއްވަވައިދެއްވުމަށް،”. ރައީސް ވިދާޅުވި އެވެ.
މީގެއިތުރުން ރައީސް ވިދާޅުވީ ރިޔާސީ އިންތިހާބަކީ އެންމެ ގިނަ ރައްޔިތުން ވޯޓުލާ އިންތިހާބު ކަމަށެވެ. އެ ދުވަހު މަޖިލިސް އިންތިހާބު ވެސް ބޭއްވުމުން، ރައްޔިތުން އެންމެ ބޭނުންވާ މެމްބަރުން ހޮވުމުގެ ފުރުސަތު ބޮޑުވެގެންދާނެ ކަމަށެވެ.



