ޕަބްލިކް ސަރވިސް މީޑިއާގެ މިނިވަންކަމާއި ގުޅުވާ ކުންފުންޏާމެދު ރައްޔިތުންގެ މެދުގައި ނަފްރަތު އުފެދޭ ގޮތަށް ޙަޤީޤަތާއި ޚިލާފު ވާހަކަތައް ނުފެތުރުމަށް އިލްތިމާސްކޮށްފިއެވެ.
ޕީއެސްއެމްއިން މިކަމަށް އިލްތިމާސްކޮށްފައިވަނީ، އިދިކޮޅު އެމްޑީޕީން ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރާ ބައްދަލުކުރެއްވުމަށް އެދި ފޮނުވި ސިޓީއަށް ދިން ޖަވާބުގައެވެ. އެ ސިޓީގެ ޖަވާބުގައި ޕީއެސްއެމްއިން ބުނެފައިވަނީ، މިވަގުތު ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ރާއްޖޭގައި ނޫޅުއްވާ ކަމަށާއި، އެނބުރި ރާއްޖެއަށް ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މިމަހުގެ ފަހުކޮޅު ކަމަށެވެ. އެހެންކަމުން އެމްޑީ ރާއްޖެ ވަޑައިގަތުމުން ބައްދަލުކުރެއްވުމަށް އަލުން އެދުމަށެވެ.
ކުރިއަށް އޮތް އިންތިޚާބުތަކާ ގުޅިގެން ރައްޔިތުން ހޭލުންތެރިކުރުމަށް ކުންފުނިން ކުރިއަށްގެންދާ ޕްރޮގްރާމްތަކާ ގުޅޭގޮތުން ޕީއެސްއެމްއިން ބުނެފައިވަނީ، އެ ޕްރޮގްރާމްތަކަކީ ރައްޔިތުންނަށް ފަންނީ އަދި އިޖުރާޢީ މަޢުލޫމާތު ފޯރުކޮށްދިނުމަށް ތައްޔާރުކުރާ ޕްރޮގްރާމްތަކަކަށްވާތީ މިވަގުތު ސިޔާސީ ޕާޓީތަކަށް ފުރުޞަތު ދިނުމުގެ ބަދަލުގައި އިސްކަންދެމުންދަނީ ކުރީގެ ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ މެންބަރުކަން އަދާކުރައްވާފައިވާ ތަޖުރިބާ ކާރު ބޭފުޅުން މެދުވެރިކޮށް މަޢުލޫމާތު ގެނެސްދިނުމަށް ކަމަށެވެ. އަދި މިހާތަނަށް އެއްވެސް ޕްރޮގްރާމަކަށް ސިޔާސީ ޕާޓީއެއް ތަމްސީލް ކުރާ ފަރާތަކަށް އެ ހައިސިއްޔަތުން ފުރުޞަތު ދީފާނުވާ ކަމަށް ޕީއެސްއެމްއިން ބުނެއެވެ.
މީގެ އިތުރުން ކުންފުނިން އަބަދުވެސް މަސައްކަތް ކުރަމުންދަނީ، ޕަބްލިކް ސަރވިސް މީޑިއާގެ ޤާނޫނުގައި ބަޔާންކޮށްފައިވާ އުޞޫލުތަކާއި ވަކިފަރާތަކަށް ނުޖެހި މިނިވަންކަމާއެކު ރައްޔިތުންނަށް ތެދު މަޢުލޫމާތު ފޯރުކޮށްދިނުމުގެ މިންގަނޑުތަކާ އެއްގޮތަށް ކަމަށް ބުނެފައިވެއެވެ. އެ ސިޓީގައި ވަނީ، އެމްޑީޕީއިން ވެރިކަން ކުރެއްވި އިރުވެސް ޕީއެސްއެމް އޮތީ އެގޮތުގައި ކަމަށާއި، ކުންފުނީގެ މިނިވަންކަމާ ގުޅުވާ ރައްޔިތުންގެ މެދުގައި ނަފްރަތު އުފެދޭ ގޮތަށް ހަޤީޤަތާއި ޚިލާފަށް ވާހަކަތައް ނުފެތުރުމަށްވެސް އިލްތިމާސްކޮށްފައެވެ.



