ސިނަމާލެ ބްރިޖް ހައިވޭގައި ޕެޓްރޯލް ކުރަން ހުރި ފުލުހެއްގެ ގައިގައި ސައިކަލަކުން ޖައްސައި ސީރިއަސް އަނިޔާތަކެއް ދިން މައްސަލައާ ގުޅިގެން ހައްޔަރުކުރި ހަތަރު މީހުން ވެސް މަސްތުވާތަކެއްޗަށް ޕޮޒިޓިވް ވެއްޖެއެވެ.
މި ހާދިސާ ހިނގާފައިވަނީ ފަތިހު 4:30 އެހައިކަންހާއިރު، މާލެއިން ހުޅުމާލެއަށް ދަތުރުކުރި ސައިކަލަކުން ޕެޓްރޯލް ޑިއުޓީގައި ހުރި ފުލުހެއްގެ ގައިގައި ޖެހިގެންނެވެ. މި އެކްސިޑެންޓްގައި ފުލުސް އޮފިސަރުގެ މޫނުމައްޗަށް ވަނީ ސީރިއަސް އަނިޔާތަކެއް ލިބިފައެވެ. ނަމަވެސް ސައިކަލު ދުއްވަން އިން މީހާއަށް ސީރިއަސް އަނިޔާއެއް ލިބިފައެއް ނުވެއެވެ.
ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު ވިދާޅުވީ މި މައްސަލައާ ގުޅިގެން އިތުރު ދެ މީހަކު ވެސް ފަހުން ހައްޔަރުކޮށްފައިވާ ކަމަށެވެ. ކޯޓު ލިޔެކިޔުންތަކުން އެނގޭ ގޮތުގައި އެ ދެ މީހުން ހައްޔަރުކޮށްފައިވަނީ އަނިޔާވި މީހާއަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް، އެތަނަށް ގޮސް ހަމަނުޖެހުން ހިންގުމުންނެވެ. އެ މީހުން ވަނީ ހޮސްޕިޓަލުގެ މުވައްޒަފުންނާއި ފުލުހުންނަށް ހުތުރު ބަހުން މުޚާތަބުކޮށް، ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއަޅާފައެވެ. ކޯޓު އަމުރުތަކުގައި ބަޔާންކޮށްފައިވާ ގޮތުގައި، މި ދެ މީހުން ވެސް ވަނީ މަސްތުވާތަކެއްޗަށް ޕޮޒިޓިވް ވެފައެވެ.
ކްރިމިނަލް ކޯޓުން ވަނީ ވަކީލަކު ހަމަޖެއްސުމަށް ފުރުސަތު ދިނުމުގެ ގޮތުން މި ހަތަރު މީހުންގެ ބަންދަށް 5 ދުވަހުގެ މުއްދަތެއް ދީފައެވެ.
ޕޮލިސް ކޮމިޝަނަރ ވިދާޅުވީ، ފުލުސް މީހާގެ ގައިގައި ސައިކަލުން ޖެއްސީ ގަސްދުގައި ކަމަށާއި، އެއީ ނުރައްކާތެރިކޮށް އުޅަނދު ދުއްވާ ފަރާތްތަކާ ދެކޮޅަށް ފުލުހުން ހިންގާ އޮޕަރޭޝަންތަކަށް ހުރަސްއެޅުމުގެ މަޤްޞަދުގައި ކޮށްފައިވާ ކަމެއް ކަމަށް ބެލެވޭ ކަމަށެވެ.
މި ހާދިސާގައި އަނިޔާވި ފުލުސް އޮފިސަރުގެ ހާލު ބެއްލެވުމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވަނީ ޒިޔާރަތް ކުރައްވާފައެވެ.



