ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ނަގާ ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓުގައި ސަރުކާރުން އަމަލުކުރަނީ ގާނޫނާއި އެއްގޮތަށް ކަމަށް ބަންޑާރަ ނައިބުގެ އޮފީހުން ބުނެފި އެވެ.
އެ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއެކު ކުރިއަށްދާނެ މި ވޯޓަކީ، ގާނޫނުއަސާސީއަށް ގެނައުމަށް ރައްޔިތުންގެ މަޖިލީހުން 10 ފެބުރުވަރީ 2026 ގައި ފާސްކޮށްފައިވާ ގާނޫނުއަސާސީއަށް 8 ވަނަ އިސްލާހު ގެނައުމުގެ ބިލު، ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރައްވަން ރައްޔިތުންނަށް ފެނޭތޯ ބެލުމަށް ނަގާ ވޯޓެއް ކަމަށެވެ.
ގާނޫނުއަސާސީއަށް 8 ވަނަ އިސްލާހު ގެނައުމުގެ ބިލަކީ ދެ މަގުސަދެއް ހާސިލްކުރުމަށް އެކުލަވައިލާފައިވާ ބިލެކެވެ. އެންމެ ފުރަތަމަ މަގުސަދަކީ ރިޔާސީ އިންތިޚާބާ އެކުއެކީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ބޭއްވުން ކަމަށްވާއިރު، ދެވަނަ މަގުސަދަކީ ދެ އިންތިޚާބު އެކުއެކީގައި ބޭއްވުމަށް އިދާރީ ގޮތުން މަގުފަހިކުރުމަށްޓަކައި، މަޖިލީހުގެ ދައުރު ގުނުމުގެ އުސޫލު ބަދަލުކޮށް، ހިނގަމުންދާ މަޖިލީހުގެ އުމުރު 5 އަހަރަށް ވުރެ ކުރުކުރުމެވެ.
ބަންޑާރަ ނައިބުގެ އޮފީހުން ފާހަގަކުރި ގޮތުގައި، ގާނޫނުއަސާސީގެ 262 ވަނަ މާއްދާގެ (ހ) އަދި (ށ) ގެ ދަށުން ވަކި މާއްދާތަކަކަށް ގެންނަ އިސްލާހުތައް ތަސްދީގު ކުރެވޭނީ ރައްޔިތުންގެ ރުހުން އޮތްތޯ ބެލުމަށް ނަގާ ހިޔާލު ހޯދުމުގެ ވޯޓަކުން، ވޯޓުދިން މީހުންގެ އަގުލަބިއްޔަތުން އެކަމަށް ފެންނަ ކަމަށް ނިންމުމުންނެވެ. މިގޮތުން މަޖިލީހުގެ ދައުރަށް ބަދަލު އަންނާތީ، މިއީ ރައްޔިތުންގެ ބަހެއް ބޭނުންވާ ކަމެއް ކަމަށް އެ އޮފީހުން ބުނެއެވެ.
މި ވޯޓުގައި ރައްޔިތުންނާ ކުރާނެ ސުވާލަކީ: “ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެކުގައި ބޭއްވުމަށާއި، ރައްޔިތުންގެ މަޖިލީހުގެ ޢުމުރު ގުނުމުގެ އުޞޫލު ބަޔާންކުރުމަށްޓަކައި، ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވާފައިވާ ޤާނޫނުއަސާސީއަށް 8 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ތަސްދީޤުކުރެއްވުމަށް ފެނޭ ހެއްޔެވެ؟” މިއެވެ.
އޭޖީ އޮފީހުގެ ބަޔާން ނިންމާލަމުން ބުނެފައިވަނީ، މި ބިލު ތަސްދީގުކުރުމުގެ ކުރިން ރައްޔިތުންގެ ހިޔާލު ހޯދުމަށް ހުށަހަޅާފައިވާ ސުވާލަކީ ގާނޫނުއަސާސީގެ 262 ވަނަ މާއްދާގެ (ށ) އާއި ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ގާނޫނާ އެއްގޮތަށް އެކުލަވާލާފައިވާ ސުވާލެއް ކަމަށެވެ.



