ބޯލިން އެރީނާ އާއި އާރކޭޑް ގޭމް ސެންޓަރުގެ މަސައްކަތް މިއަހަރުގެ މެދެއްހާ ހިސާބުގައި ފެށިގެން ދާނެ ކަމަށް ރައީސުލްޖުމުހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެސްޕްރެސޯ ވިތް ރައީސްގެ ނަމުގައި ޒުވާނުންނާއެކު ބޭއްވި އިވެންޓެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ބޯލިން އެރީނާ ހެދުމަށް ހަމަޖެހިފައިވަނީ އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއު ކުރިމަތިން އޮންނަ ހުސްބިމުގައި އިންޑަސްޓްރިއަލް ވިލެޖްގައި ކަމަށެވެ. އަދި މިހާރުވާނީ ބޯލިން އެރީނާ ހެދުމަށް ސްޕޯޓްސް މިނިސްޓްރީ އާ ބިން ހަވާލުކޮށްފައި ކަމަށާއި އެގްރީމަންޓްގައި ސޮއިކުރެވިފައި ކަމަށެވެ.
“ މިއީ 10 ލޭން ބޯލިން ފެސިލިޓީއެއް އެއީ. މިތާނގަ ދެން ބައިވަރު އެހެން ތަންތަން ވެސް ހުންނާނެ. ޕްރައިވެޓް ޕާޓީ ރޫމްސް ހުންނާނެ. ސޯ ޕާޓީތަކަށް ކުއްޔަށް ނެގޭނެ ޕްރައިވެޓް ރޫމްސް ހުންނާނެ. ކެފެޓީރިއާ އިލެކްޓްރޯނިކް ގޭމް އާރކޭޑްސް މިހުރިހާ އެއްޗެއް ހިމެނޭ ގޮތަށް ހަދާނީ” ރައީސް ވިދާޅުވިއެވެ.
ބޯލިން އެރީނާގެ މަސައްކަތް މުޅިން ނިންމާލުމަށް ސްޕޯޓްސް މިނިސްޓްރީއަށް ދީފައިވަނީ 540 ދުވަހުގެ މުއްދަތެކެވެ. މިމަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ދެވަނަ ކުއާޓަރުގެ ތެރޭގައެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ، އާރކެޑް ގޭމްސް ސެންޓަރެއް ހެދުމަށް ނިންމާ އެގްރީމަންޓްގައި ސޮއިކޮށް ބިންވެސް މިހާރު ހަމަޖެހިނިމިފައިވާ ކަމަށެވެ. މި ގޭމް ސެންޓަރުވެސް ނިމިގެން ދާއިރު އެތަނުގައި ރޭސިން އަދި އިންޓަރެކްޓިވް ގޭމިން ސިސްޓަމެއް ހުންނާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
އަދި އެންމެ ކުޑަކުދިންނަށް ހާއްސަކޮށް ޕްލޭ ޕާރކެއް ހެދުމަށްވެސް މިހާރުވަނީ ސްޕޯޓްސް މިނިސްޓްރީ އާއި ހަވާލުކޮށްފައެވެ. މި ޕްލޭ ޕާރކްގެ މަސައްކަތް ކުރުމަށްވެސް މިހާރު ވަނީ ބިން ހަމަޖެހިފައި ކަމަށާއި ވަރަށް އަވަހަށް އެގްރީމަންޓްގައި ސޮއިކުރެވި މިއަހަރުގެ ދެވަނަ ކުއާޓަރުގައި މަސައްކަތް ފަށާނެކަމަށް ރައީސް ވިދާޅުވިއެވެ. މިމަސައްކަތް ނިންމުމަށް ހަވާލުކޮށްފައިވަނީ 365 ދުވަހުގެ ތެރޭގައެވެ.



