ވޯޓުލުމަކީ ކޮންމެ ރައްޔިތަކަށްމެ ލިބިގެންވާ ގާނޫނީ ހައްގަކަށް ވާތީ، އެ ހައްގު ފުރިހަމައަށް އަދާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު އިލްތިމާސްކުރައްވައިފި އެވެ. ރައީސް މިކަމަށް އެދިވަޑައިގަތީ މިހާރު ކުރިއަށްދާ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ބައި-އިލެކްޝަންގައި ވޯޓުލެއްވުމަށްފަހު ނޫސްވެރިންނާ ވާހަކަދައްކަވަމުންނެވެ.
“ހުރިހާ ރައްޔިތުންގެ އަސާސީ ގާނޫނީ ހައްގެއް ވޯޓުލުމަކީ. އެހެންވީމަ ރައްޔިތުންގެ ގާނޫނީ ހައްގު އަދާކުރުމަށް ރައްޔިތުން ބައިވެރިވެވަޑައިގަތުމަށް އަޅުގަނޑު ދަންނަވަން” ތާޖުއްދީން ސްކޫލުގައި ހުރި ވޯޓު ފޮއްޓަށް ވޯޓުލެއްވުމަށްފަހު ރައީސް ވިދާޅުވެފައިިވެއެވެ. ރައީސް ވަނީ ހުރިހާ ރައްޔިތުންވެސް ވޯޓުލާން ނުކުތުމަށް ބާރުއަޅުއްވާފައެވެ.
އިލެކްޝަންސް ކޮމިޝަނުން މައުލޫމާތު ދޭ ގޮތުގައި މި އިންތިހާބުތަކުގެ ވޯޓުލުން މިހާރު ވަނީ ފަށާފައެވެ. މުޅި ރާއްޖޭގައި ޖުމުލަ 588 ވޯޓު ފޮށި ބަހައްޓާފައިވާއިރު، ވޯޓުލުން ކުރިއަށްދާނީ މިއަދު ހަވީރު 4:00 އާ ހަމައަށެވެ. މި އިންތިހާބުތަކަށް ބޭނުންވާ 888,845 ވޯޓު ކަރުދާސް ނޮވެލްޓީ ޕްރިންޓާސް މެދުވެރިކޮށް ވަނީ ޗާޕުކޮށްފައެވެ.
މިފަހަރުގެ އިންތިހާބުތަކުގައި ޖުމުލަ 2,961 ކެންޑިޑޭޓުން ވާދަކުރެއެވެ. އޭގެ ތެރޭގައި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ވާދަކުރާ 1,593 ކެންޑިޑޭޓުންނާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ވާދަކުރާ 1,368 ކެންޑިޑޭޓުން ހިމެނެއެވެ.
މި އިންތިހާބުގައި އެންމެ ގިނަ ކެންޑިޑޭޓުން ނެރެފައިވަނީ ސަރުކާރު ހިންގާ ޕީއެންސީންނެވެ. .



