އިއްޔެ ބޭއްވުނު ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) ގެ ބައި-އިލެކްޝަންގައި ވ. ފެލިދޫގެ ހުރިހާ ގޮނޑިއެއް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ.
އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފައިވާ ވަގުތީ ނަތީޖާ ދައްކާގޮތުން، ފެލިދޫ ކައުންސިލްގެ ރައީސްކަމަށް އިންތިހާބުވެފައިވަނީ ޕީއެންސީގެ ކެންޑިޑޭޓް ހުސެއިން ވިސާމް އެވެ. މީގެއިތުރުން އެ ރަށު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ގޮނޑިތައް ކާމިޔާބުކޮށްފައިވަނީ ޕީއެންސީގެ ކެންޑިޑޭޓުން ކަމަށްވާ އަލްމާ އަބްދުލް އަލީމް އަދި އާމިނަތު ރިސްފާ އެވެ.
މި އިންތިހާބުގެ ކުރިންވެސް ފެލިދޫގެ ތިން ގޮނޑިއެއް ޕީއެންސީން ވަނީ އިންތިހާބަކާ ނުލައި ކާމިޔާބުކޮށްފައެވެ. އެއީ ފެލިދޫ ކައުންސިލްގެ އަންހެނުންނަށް ހާއްސަކޮށްފައިވާ ގޮނޑި – އާމިނަތު ސުނީޒާ، އާއި ފެލިދޫ ކައުންސިލްގެ މެންބަރު – މޫސާ ޔާމީން އެވެ. އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސްކަމަށް ފާތިމަތު ޝާޒުލީއެވެ.
އިއްޔެ ބޭއްވުނު ވޯޓުގެ ނަތީޖާއާއެކު، ފެލިދޫގެ މުޅި ޖުމްލަ ހަ ގޮނޑިވެސް މިހާރު ވަނީ ޕީއެންސީން ކާމިޔާބުކޮށްފައެވެ.
މިފަހަރު ބޭއްވުނު ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބުތަކުގައި ވެރިކަން ކުރާ ޕީއެންސީން ވަނީ ގިނަ ގޮނޑިތަކެއް ކާމިޔާބުކޮށް ބޮޑު ކުރިއެރުމެއް ހޯދާފައެވެ.



